މިނިވަން ފުޓްބޯޅަ މުބާރާތުގައި ފޭދޫގެ މައްޗަށް ކުރި ހޯދި މެޗުގައި ކުޑަހުވަދޫގެ ރައްޔިތުން އޭދަފުށީ ޓީމަށް ދިން ސަޕޯޓް ފާހަގަކޮށް ޝުކުރު އަދާކޮށްފިއެވެ.
ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އޭދަފުށީ ކައުންސިލްގެ ނާއިބު ރައީސް މުޙައްމަދު ނައުރީފް “އީޓީ” އާ ވާހަކަދައްކަމުން ވިދާޅުވީ ކުޑަހުވަދޫން ލިބުނު ސަޕޯޓަކީ މެޗު ކާމިޔާބު ކުރުމުގައި އޭދަފުށީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ޓީމުން ބުނަނީ އެހެން ރަށަކުން ދުވަހަކުވެސް އެވަރުގެ ސަޕޯޓެއް ނުލިބޭކަމަށެވެ.
“އޭދަފުށީ ޓީމުން ކުޅުނީ އަމިއްލަ ރަށުގަހެން ހީވަނީ. ކުޑަހުވަދޫގެ ރައްޔިތުން ދިނީ އާދަޔާ ޚިލާފު ސަޕޯޓެއް. ހީވެސް ނުކުރަން އެރަށުން އެހާ ސަޕޯޓް ލިބިދާނެކަމަކަށް. ކުޑަހުވަދޫން ދިން ސަޕޯޓު މަތިން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ. އެކަމަށްޓަކައި ކުޑަހުވަދޫ ރައްޔިތުންނަށް އޭދަފުށީ ޓީމުގެ ފަރާތުން ވަރަށް ބޮޑަށް ޝުކުރު އަދާކުރަން”
މިއަދުގެ މެޗު ކުޑަހުވަދޫގެ ރައްޔިތުން ބަލަމުންދިޔައިރު އެރަށުގެ ގިނަ ބަޔަކު އޭދަފުށީ ޓީމަށް ތަރުހީބުދޭ މަންޒަރު ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ވީޑިއޯތަކުން ފެނެއެވެ. އަދި އޭދަފުށީ ޓީމު މެޗުން މޮޅުވުމުން ޓީމަށް މަރުހަބާ ކިޔައި އޭދަފުށީ ޓީމުންވެސް ވަނީ އެރަށުގެ ސަޕޯޓަރުންނާއި އެކު ކާމިޔާބީ ފާހަގަކޮށްފައެވެ. މީގެ އިތުރުން އޭދަފުށީގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިޔާގައިވެސް ކުޑަހުވަދޫ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.
މިނިވަން ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް އޭދަފުށި ދަތުރުކުރީ އިއްޔެ ހަވީރު ކުޑަހުވަދޫ ދަނޑުގައި ކުޅުނު ސެމީފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ސ. ފޭދޫގެ މައްޗަށް ޕެނަލްޓީ ޖަހައިގެން 3-2 އިން މެޗު ކާމިޔާބުކޮށްގެންނެވެ.