މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ޕޮލިސް ސްޓޭޝަން ގާއިމުކުރުމުގެ މަޝްރޫއެއް މި އަހަރު ފަށާނެކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ރައީސް މުއިއްޒު އިއްވެވި އެ މަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާނުގައި ވިދާޅުވީ، ރަށްތަކުގެ މާޙައުލުގައި ޤާނޫނު ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރި ކަމަށެވެ.
އެގޮތުން ރާއްޖޭގެ ހުރިހާ ރަށެއްގައި، އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ ބޮޑު މަޝްރޫއެއް، މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
“އެ ރަށެއްގެ އާބާދީގެ ނިސްބަތުން ޕޮލިސް ސްޓޭޝަން ޤާއިމުކުރުމުގެ ބޮޑު މަޝްރޫއެއް، މި އަހަރުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފަށާނަން،” ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ދިވެހިރާއްޖޭގައި ޒަމާނުއްސުރެ އޮތް އަމާންކަމާއި ހަމަޖެހުމަކީ، ވަރަށް ދޮށީ ދައުލަތެއްގެ ގޮތުގައި މިއަދާ ހަމަޔަށްވެސް މި ޤައުމު ދެމިއޮތުމުގެ އެންމެ ބޮޑު އެއް ސިއްރެވެ.
އަދި ގައުމުގެ އަމްނާއި މަސަލަސްކަން ހިފެހެއްޓުމަކީ، ސަރުކާރުގެ މުހިންމު ސިޔާސަތެއް ކަމަށާއި އެގޮތުން ބަލާއިރު، މި ސަރުކާރުން އަލަށް 10 ރަށެއްގައި ފުލުހުންގެ ޕޯސްޓް ގާއިމުކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން މި މަހުގެ ތެރޭގައި އިތުރު 9 ރަށެއްގައި ހިދުމަތް ފަށަން ވަނީ ތައްޔާރުވެފައިވާ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ރަށްތަކުގެ މާހައުލުގައި ގާނޫން ތަންފީޒުކޮށް، އަމާންކަން ކަށަވަރުކުރުމަށްޓަކައި ފުލުހުންގެ ދައުރު މުޅި ރާއްޖެއަށް ފުޅާވެފައި އޮތުން ވަރަށް ބޭނުންތެރިކަން ރައީސް ވިދާޅުވި އެވެ.
މީގެއިތުރުން، އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ގާނޫނުތައް އެކަށައެޅުމުގައި ސަރުކާރުގެ އެންމެ ބޮޑު އެއް ސިޔާސަތަކީ ކުށް މަދުކުރުމާ އެކު ކުށްކުރާމީހުންނަށް ރަނގަޅު މަގުދައްކައިދީ އަލުން މުޖްތަމައަށް ގެނައުން ކަމަށެވެ.
އަދި ރިޔާސީ ވައުދާ އެއް ގޮތަށް އެކިއެކި ކުށްތަކުގެ ތަހުގީގަށް ހައްޔަރުކޮށްފައި “ވާނުވާ”ގައި، ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް މި މަހު ފަށައި، ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ ތެރޭގައި ގާނޫނު އިސްލާހު ކުރަން ހުށަހަޅުއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.