ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ގެ ޒޯން ތިނެއްގެ ފައިނަލުގައި ބ. އޭދަފުށިން މިރޭ ކ. ގާފަރާ ދެކޮޅަށް ނުކުންނާނެ އެވެ.
އޭދަފުއްޓާއި ގާފަރު ޒޯން ލީގު ބުރުގައި ކުޅުނު މެޗުން ގާފަރު މޮޅުވީ 2-0 އިންނެވެ.
ޒޯން ފައިނަލާ ހަމައަށް އޭދަފުށި ދަތުރުކުރީ ކުޅުނު ތިން މެޗުގެ ތެރެއިން ކުރެންދޫ އާއި ކާށިދޫ އަތުން މޮޅުވެގެންނެވެ. ގާފަރު ވަނީ ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ.
އޭދަފުއްޓާއި ގާފަރުން ވަނީ މިއަހަރު މުބާރާތުގެ އަތޮޅު ޗެމްޕިއަންކަން ހޯދާފަ އެވެ. ޒޯން ފައިނަލާ އެކު އޭދަފުއްޓާއި ގާފަރު ވެސް ވަނީ ގަދަ 16 ފުރުސަތު ހޯދާފަ އެވެ.
އޭދަފުއްޓާއި ގާފަރަކީ ވެސް ފުޓްސަލްގައި ފާހަގަކޮށްލެވޭ ދެ ރަށެވެ. އޭދަފުށީ ވަނީ ގޯލްޑަން ފުޓްސަލްގެ 2019 ވަނަ އަހަރު ފައިނަލުގައި ކުޅެ ބަލިވެފަ އެވެ. ގާފަރު ވަނީ 2015 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް ބަލިވެފަ އެވެ.
މިއަހަރު އޭދަފުށި ފުޓްސަލް ޓީމު މުބާރާތަށް ނުކުތީ ފުރަތަމަ ޑިވިޝަނާއި ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ކުޅުންތެރިން ވެސް ޓީމުގައި ހިމަނައިގެންނެވެ.
މުބާރާތުގައި ވާދަކުރާ ގާފަރު ފުޓްސަލް ޓީމަކީ އެންމެ މޮޅު އެއް ޓީމެވެ. ގާފަރުން ވަނީ ގޯލްޑަން ފުޓްސަލްގެ ކުރިން މާލެ ސަރަހައްދުގައި ބޭއްވި ޓެކާސް ފުޓްސަލްގެ ޗެމްޕިއަންކަން ވެސް ހޯދާފަ އެވެ.
ގާފަރުގައި ތިބި ކުޅުންތެރިންނަކީ ރާއްޖޭގެ ފުޓްސަލްގައި ފާހަގަކޮށްލެވޭ ކުޅުންތެރިންނެވެ.
ޒޯން 8 ފައިނަލުގެ ތެރެއިން މިރޭ ހަތަރު ފައިނަލް ކުޅޭނެ އެވެ. އޭދަފުއްޓާއި ގާފަރު ވާދަކުރާ މެޗު ފަށާނީ މިރޭ 8 ޖަހާއިރު ރެހެންދި ޓާފް ފުޓްސަލްގެ ގްރައުންޑް އެކެއްގަ އެވެ.
މިރޭ 8 ޖަހާއިރު ކުޅޭ އަނެއް ފައިނަލުގައި ޒޯން ހަތަރެއްގެ އއ. މަތިވެރި އާއި އދ. މާމިގިލި ވާދަކުރާނެ އެވެ.
މިރޭ 10 ޖަހާއިރު ވެސް ދެ ފައިނަލް ކުޅޭނެ އެވެ. އެގަޑީގައި ކުޅޭނީ ޒޯން ފަހެއްގެ ދ. ކުޑަހުވަދޫ އާއި ފ. ބިލެއްދޫ ވާދަކުރާ ފައިނަލާއި ޒޯން އަށެއްގެ ވިލިމާލެ އާއި މާފަންނު ވާދަކުރާ ފައިނަލެވެ.