
ބ. އޭދަފުށިން ދޫކުރަން ނިންމާފައިވާ ގޯއްޗަށް އެދި މިހާތަނަށް 154 ފޯމު ހުށަހަޅާފައިވާ ކަމަށް އޭދަފުށީ ކައުންސިލުން މިއަދު ބުނެފި އެވެ.
އޭދަފުށިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރަން ފާސްކޮށް، މިދިޔަ މާޗު މަހުގެ 28 ގައި ގެޒެޓްކޮށްފައިވާ ގޯތި ދޫކުރުމާ ބެހޭ އުސޫލަށް ބައެއް އިސްލާހުތައް ގެނެސް، އެ ބަދަލުތަކާ އެކު އަލުން އިއުލާންކޮށް ފޯމް ބަލައިގަންނަން ފެށީ މިދިޔަ މަހުގެ 28 ވަނ ދުވަހުން ފެށިގެންނެވެ.
ކައުންސިލަށް ފޯމް ހުށަހަޅައިގެންނާއި އީމެއިލް މެދުވެރިކޮށް ގޯއްޗަށް އެދޭ ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލިއިރު އިއްޔެގެ ނިޔަލަށް 154 ފޯމު ހުށަހަޅާފައިވާ ކަމަށް މިރަށު ކައުންސިލުން ބުންޏެވެ.
ގޯއްޗަށް އެދުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
ޕޮއިންޓް ދިނުމުގައި އިސްކަން ދޭނީ ރަށުގައި ދިރިއުޅޭ މީހުންނަށް ކަމަށް އިއުލާންގައި ވެ އެވެ.
އޭދަފުށިން ދޫކުރާ ގޯތީގެ ތަފުސީލު
• ގޯތީގެ އަދަދު: 183
• ގޯތީގެ ސައިޒް: 1200 އަކަފޫޓް
އެ އިއުލާނުގައި ބުނި ގޮތުގައި، ގޯތިތައް ދޫކުރަނީ ރަށުގެ ފުޓްބޯޅަ ސްޓޭޑިއަމާ ދިމާ އިރުމަތީ ފަރާތުން ހިއްކާފައިވާ ސަރަހައްދުން 100 ގޯއްޗާއި އިރު ދެކުނު ކުނި ކޮށި ސަރަހައްދުން 83 ގޯއްޗެވެ.
އޭދަފުށިން ގޯއްޗަށް އެދި ހުށަހަޅާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި ބަންޑާރަ ގޯއްޗެއް ނުވަތަ ބައެއް ނުވަތަ އަމިއްލަ ގޯއްޗެއް ނުވަތަ ބައެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން ނުވަތަ ލިބިފައި ނެތުން ހިމެނެ އެވެ.
ރާއްޖޭގެ އެއްވެސް ތަނަކުން 600 އަކަފޫޓަށް ވުރެ ބޮޑު ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗެއް އެ މީހެއްގެ ނަމުގައި ރަޖިސްޓަރީވެފައި ނެތުން، ނުވަތަ ލިބިފައި ނެތުން، އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބައެއް ރަޖިސްޓަރީ ވެފައިވާ ނަމަ، ނުވަތަ ލިބިފައިވާ ނަމަ ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތްވާ ގޮތުގެ މަތިން ދޫކޮށްލަން އެއްބަސްވާން ޖެހެ އެވެ. ގޯއްޗަށް އެދޭ މީހާ އަށް ބަންޑާރަ ނުވަތަ އަމިއްލަ ގޯއްޗަކުން ތަރިކައިން ލިބެން އޮންނަ ބައި ގޯތި ދޫކުރުމުގެ އުސޫލާ އެއްގޮތަށް ދޫކޮށްލަން ވެސް އެއްބަސްވާން ޖެހެ އެވެ.
ރާއްޖޭގެ އެއްވެސް ރަށަކުން ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ދަށުން 600 އަކަފޫޓަށް ވުރެ ބޮޑު ފުލެޓެއް، ރޯހައުސްއެއް، އެއްމެދު އިމާރާތެއްގެ ފުލެޓެއް، ގޯއްޗަށް އެދޭ މީހާގެ ނަމުގައި އޮވެ އެތަން ދޫކޮށްލައިފައި ނުވަތަ ވިއްކާލާފައިވާން ޖެހެ އެވެ.
އޭދަފުށީން ގޯތި ދޫކުރަން އިއުލާންކުރި އިރު، ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ނިންމައި، އެ މަޝްރޫއުގެ މަސައްކަތްތައް ވެސް މިހާރު ވަނީ ފަށައިފި އެވެ. އެގޮތުން އޭދަފުށީގައި ހައުސިން ޔުނިޓް އެޅުމަށް ޓެކްނިކަލް އަދި ފައިނޭޝިއަލް ޕްރޮޕޯސަލް ހެދުމަށް މި މަހު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.

