
ގާތްގަނޑަކަށް މަހެއްހާ ދުވަހުގެ ބޮޑު ޗުއްޓީ އަށް ފަހު ދިރާސީ އާ އަހަރުގެ ކިޔެވުން ރާއްޖޭގެ ހުރިހާ ސްކޫލެއްގައި މިއަދު ފަށައިފި އެވެ.
ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، 96،000 ދަރިވަރުން ކިޔަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ. އޭގެތެރެއިން 17،000 ދަރިވަރުން ކިޔަވަމުންދާނީ މާލެ ހިމެނޭ ސަރަޙައްދުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ޕްރައިވެޓް ސްކޫލްތަކުގައި އެލްކޭޖީން ފެށިގެން ގުރޭޑް 12އަށް 13،000 ދަރިވަރުން ކިޔަވާނެ ކަމަށެވެ. އޭގެ ތެރެއިން 9،000 ދަރިވަރުން ކިޔަވަމުންދާނީ މާލެ ހިމެނޭ ސަރަޙައްދުގެ ސްކޫލްތަކުގައެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ، ދިރާސީ އާ އަހަރު 12،662 މުދައްރިސުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެއީ 10،729 ދިވެހި މުދައްރިސުންނާއި 1933 ބިދޭސީ މުދައްރިސުންނެވެ.
ދިރާސީ އާ އަހަރު 162 ސްކޫލެއްގައި އެއް ދަންފަޅިއަށް، 55 ސްކޫލެއްގައި ދެ ދަންފަޅިއަށް ކިޔަވައިދޭނެއެވެ.

