
ޓެކްނޮލޮޖީ މެދުވެރިކޮށް ކައުންސިލްތަކާއި މިނިސްޓްރީތަކާ ދެމެދު މުއާމަލާތުކުރެވޭނެ ފަހި ނިޒާމެއް ގާއިމު ކުރަންޖެހޭކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު ހިދުމަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
ގައުމީ ތަރައްގީގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން ފަށްޓަވައި ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެކްޝަން ޕްލޭންގައި ކައުންސިލްތަކާއި ސަރުކާރުގެ ވުޒާރާތަކާއި މުއައްސަސާތަކާ ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ ނިޒާމެއް ޤާއިމްކުރަން މަޝްވަރާކުރަންޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި މީގެ ކުރިން ސަރުކާރުގެ އެކި މުއައްސަސާތަކާ ބައްދަލުކުރަން ކައުންސިލްތަކުން މާލެ އައިސް، ދަތުރުފަތުރަށް ބޮޑެތި ޚަރަދުތަކެއް ވަނީ ކޮށްފަ އެވެ. ނަމަވެސް މިއަދު ޓެކްނޮލޮޖީގެ ގޮތުން ދުނިޔެ ކުރިއަރާފައިވާއިރު، ކައުންސިލްތަކުން މާލެ ނައިސް ޓެކްނޮލޮޖީގެ ވަޞީލަތްތައް ބޭނުންކޮށްގެން މުއައްސަސާތަކާ ބައްދަލުކޮށް މަޝްވަރާކުރުމުގެ މަގު ކައުންސިލްތަކަށް ފަހިވެފައި އޮންނަންޖެހޭނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
“މާލޭގައި ހުންނަ މުއައްސަސާތަކާ ބައްދަލުކުރުމަށް ކައުންސިލްތަކުން މިހާރު ކުރާ ދަތުރުތައް މަދުކޮށް ޓެކްނޮލޮޖީއާއި ޓެލެކޮމިޔުނިކޭޝަންގެ އެކި ވަސީލަތްތައް މެދުވެރިކޮށް އަޅުގަނޑުމެންނަށް މިހާރަށްވުރެ ރަނގަޅަށް ކައުންސިލްތަކާއި މިނިސްޓްރީތައް ގުޅުވާލަދީ ކަންކަން އިންތިޒާމްކުރެވިދާނެ ގޮތްތައް އޮވެދާނެތޯ ބެލުމަކީވެސް އަޅުގަނޑު ދެކޭގޮތުގައި މި އެކްޝަން ޕްލޭން ތައްޔާރުކުރަމުންދާއިރު ވިސްނަންޖެހޭ ކަމެއް،” އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މި އެކްޝަން ޕްލޭނަކީ ރައީސް ޑޮކްޓަރު މުހައްމަދު މުއިއްޒު، ވެރިކަމަށް ވަޑައިގެންނެވުމަށް އެކުލަވައިލި މެނިފެސްޓޯ، ތަންފީޒު ކުރުމަށާއި، އަދި މެނިފެސްޓޯ، ތަންފީޒު ކުރެވޭ މިންވަރު ޔަޤީން ކުރުމަށް ޓަކައި، އެ ވުޒާރާގެ ހިއްސާ އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށް ތައްޔާރުކުރެވޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭނެއް ކަމަށެވެ.

