
“މިހާރު” ނޫހުގެ އެޑިޓަރު އޭދަފުއްޓަށް އުފަން އިސްމާއިލް ނަސީރަށް މޭޖާ ސްޓްރޯކެއް ޖެހިގެން ފަރުވާދޭން ފަށައިފި އެވެ.
އިސްމާއިލަށް ސްޓްރޯކެއް ޖެހުނީ އީދު ޗުއްޓީއަށް އާއިލާއާ އެކު އޭދަފުއްޓަށް އައިސް އުޅެނިކޮށް އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ.
ބ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދިނުމަށް ފަހު، އެއާ އެމްބިއުލާންސް ގައި އިތުރު ފަރުވާއަށް އިސްމާއިލް މާލެ ގެނައީ ރޭ 1:00 ހާއިރު އެވެ.
މިވަގުތު އިސްމާއިލަށް އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން ދާއިރު ހާލު ސީރިއަސް އެވެ.
އުމުރުން 47 އަހަރުގެ އިސްމާއިލް ނޫސްވެރިކަމުގައި ހިދުމަތްކުރައްވާތާ 28 އަހަރު ވެެއްޖެ އެވެ. ކުރިން “ހަވީރު” ނޫހުގެ މެނޭޖިން އެޑިޓަރުކަން ވެސް ކުރެއްވި އިސްމާއިލް ނަސީރު އެންމެ ފުރަތަމަ ނޫސްވެރިކަން ފެއްޓެވީ “އާފަތިސް” ނޫހުންނެވެ. މީގެ އިތުރުން އިސްމާއިލް ނަސީރަކީ ބ. އަތޮޅަށް ހާއްސަކޮށްގެން ނެރެމުން އަންނަ އޭދަފުށި ޓައިމްސް (އީޓީ)ގެ ފައުންޑާ ވެސް މެއެވެ.
އިސްމާއިލަށް ނޫސްވެރިކަމުގެ ރޮނގުން އާއްމު ހިދުމަތުގެ އިނާމާއި “ރަން ގަލަން” ވެސް ލިބިވަޑައިގެންފައިވެ އެވެ.
އީޓީގެ ފަރާތުން އިސްމާއީލް ނަސީރަށް އަވަސް ޝިފާއަކަށް އެދެމެވެ.

