
ބ. އޭދަފުށީ ހިއްކި ބިމުން ދޫކުރާ ގޯއްޗަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށައިފި އެވެ.
އޭދަފުށީގެ ހިއްކި ސަރަހައްދުން ދޫކުރަން ނިންމާފައިވާ 83 ގޯއްޗަށް 533 މީހުން ވަނީ ކުރިމަތިލައިފަ އެވެ.
ރޭ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އާއްމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ކައުންސިލުގެ ރައީސް މުހައްމަދު ފާތިހު ވިދާޅުވީ، ގޯއްޗަށް އެދި ހުށަހަޅާފައިވާ ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް އެކަމަށް އެކުލަވާލި ކޮމެޓީ އާއި ކައުންސިލު ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.
ކައުންސިލުން ގޯތި ފޯމުތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ފަށާފައިމިވަނީ އޭދަފުށިން ގޯތި ލިބޭނެ ކަމުގެ އިންތިޒާރުގައި ތިބި ޒުވާނުން ގޯތި ދިނުމުގެ މަސައްކަތް ލަސްވަމުންދާތީ، ބޮޑު މުޒާހަރާއަކަށް ތައްޔާރުވަމުން އަންނަނި ކޮށެވެ.
ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.

