
ކައުންސިލްތަކަށް ނޭނގިގެން ހެދޭ ގޯސްތައް އިޞްލާޙުކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭކަމަށާއި، އެހެންކަމުން އަތޮޅު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ ޤާބިލްކަން އިތުރުކުރުން މުހިންމުކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމާއި ކައުންސިލުތަކުގެ ފައިސާގެ ކަންތައްތައް ހިންގާ ބެލެހެއްޓުމާއި އިދާރީ ގޮތުން ކައުންސިލުތައް ހިންގުން ހަރުދަނާކުރުމާ ގުޅޭ ތަމްރީނު ޕްރޮގްރާމް ފަށްޓަވައި ދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
އާދަމް ޝަރީފް އުމަރު ވިދާޅުވީ ރަށްރަށުގެ އިންޓަރނަލް އޮޑިޓް މިހާރަށްވުރެ އިތުރަށް ވަރުގަދަވާން ޖެހޭކަމަށެވެ. ނަމަވެސް ގަސްތުގައި ކައުންސިލްތަކުން ގޯހެއް ހައްދަވާނެ ކަމަށް ޤަބޫލުފުޅު ނުކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
“ނޭނގިގެން ހެދޭ ގޯސްތައް ހޯދާ އިޞްލާޙުކުރުމަށް އިންޓަރނަލް އޮޑިޓް ރަނގަޅުވާން ޖެހޭ. އެހެންކަމުން އަތޮޅު ކައުންސިލްތަކުގެ އިންޓަރނަލް އޮޑިޓް ހެދުމުގެ ޤާބިލްކަން އިތުރުކުރުމަކީ ވަރަށް މުހިންމު ކަމެއް،” ވަޒީރު ވިދާޅުވިއެވެ.
ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވުޒާރާއާއި އެލްޖީއޭ ގުޅިގެން އޮންލައިންކޮށް ހިންގާ މި ތަމްރީނު ޕްރޮގްރާމަކީ 3 ދުވަހުގެ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 40 ރަށެއްގެ ރަށު ކައުންސިލުންނާއި 5 އަތޮޅެއްގެ އަތޮޅު ކައުންސިލުން ހިމެނޭހެން ޖުމްލަ 170އަށް ވުރެ ގިނަ ފަރާތް ބައިވެރިވާކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މި ޕްރޮގްރާމުގެ ސަބަބުން ކައުންސިލުތަކުގައި މަސައްކަތްކުރައްވާ މުވައްޒަފުންނަށް ގިނަގުނަ ފައިދާތަކެއް ލިބި ކައުންސިލުތަކުގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާވާނެކަމަށް ސިޓީތަކާއި އިދާރީ ދާއިރާތަށް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ މިނިސްޓްރީން ބުންޏެވެ.

