
ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވަން، ސަރުކާރުން ބ. އޭދަފުށީގައި އެޅުމަށް ނިންމާފައިވާ 1000 ހައުސިން ޔުނިޓާއި ރަށުގެ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީއާ އޭދަފުށީ ކައުންސިލުން މިއަދު މަޝްވަރާކޮށްފި އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީގައި މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން އެ މިނިސްޓްރީން ބުނީ، ސްޓޭޓް މިނިސްޓަރ އިސްމާޢީލް ޙަމީދު އަދި މިނިސްޓްރީގެ ޓެކްނިކަލް ޓީމުން، އޭދަފުށީ ކައުންސިލާ މިއަދު ބައްދަލު ކުރައްވާފައިވާ ކަމަށެވެ.
މިބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައިވަނީ އޭދަފުށީގެ ހައުސިންގ ޔުނިޓްތަކާއި ރަށުގެ ތަރައްޤީގެ އެކި މަޝްރޫޢުތަކާއި ގުޅޭގޮތުންކަމަށް އެ މިނިސްޓްރީން ބުންޏެވެ.
އޭދަފުށީ ކައުންސިލުން ބުނިގޮތުގައި އިންފްރާސްޓްރަކްޗާ މިނިސްޓްރީއާއެކު ބޭއްވި މި ބައްދަލުވުމުގައި ހައުސިން މަޝްރޫއުގެ އިތުރުން އަލަށްހަދަމުންދާ ބަނދަރާއި، އޭދަފުށީގައި ހެދުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗާއި އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުތަކުގެ އިތުރުން ރަށުގައި މީގެ ފަސްއަހަރު ކުރިން ޖަހާފައިވާ ޖަހާފައިވާ ރިވެޓްމެންޓް މަރާމާތު ކުރުމާގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

މީގެ އިތުރުން އޭދަފުށީ ބައެއްގެ ގޮތުގައި ކަނޑއަޅާފައިވާ މާއްޑޫ ޕްލޭން އާއި ގުޅޭގޮތުންވެސް މިނިސްޓްރީ އާ އެކު މަޝްވަރާ ކުރެވުނު ކަމަށް ކައުންސިލުން ބުންޏެވެ.
މި ބައްދަލުވުމުގައި އޭދަފުށީ ކައުންސިލުގެ 4 ކައުންސިލަރުންނާއި ކައުންސިލުގެ ސެކްރެޓަރީ ޖެނެރަލް ބައިވެރިވެވަޑައިގަތެވެ.
އޭދަފުށީގެ ހައުސިން މަޝްރޫއުތަކާ ގުޅޭ ގޮތުން، ރަށު ކައުންސިލުން މިއަދު ކޮންސްޓްރަކްޝަން މިނިސްޓްރިއާއެކު ބައްދަލުކޮށްފައިވާއިރު، ކައުންސިލުން މީގެ ކުރިން ސަރުކާރުގެ މިނިސްޓްރީތަކާއެކު ބޭއްވި ބައްދަލުކުރެއްވުންތަކުގައި އޭދަފުށީ ދާއިރާގެ މެންބަރު ބައިވެރިވެވަޑައިގެންނެވި ނަމަވެސް، މި ބައްދަލުކުރެއްވުމުގައި މެންބަރު ބައިވެރިވެވަޑައިނުގަންނަވާކަން ފާހަގަކުރެވެ އެވެ.
އަނެއްކޮޅުން އޭދަފުށިން ގޯތި ނުވަތަ ފްލެޓް ދިނުން ލަސްވަމުން ދާތީ، މިރަށުގައި އަންނަނީ މިހާރު ކޮންމެ ރެއަކު ސިލްސިލާކޮށް ސުލްހަވެރި މުޒާހަރާތައް ބާއްވަމުންނެވެ.

