
ޅ. ނައިފަރުގައި އުރީދޫން އިއްޔެ ބޭއްވި މަސްރޭހުގެ އެއް ވަނަ ޓީމަކަށް “ހުސްބުޅި” ހޮވިއްޖެ އެވެ.
އެ ޓީމަށް އެއް ވަނަ ލިބުނީ 921.4 ޕޮއިންޓާ އެކު އެވެ. އެ ރޭހުގެ ދެ ވަނަ ހޯދީ 698.4 ޕޮއިންޓާ އެކު ޗިލް ބްރޯޒް އެވެ. ފޯރިގަދަ މި މަސްރޭހުގައި 438.3 ޕޮއިންޓު ހޯދައިގެން ތިން ވަނަ މަގާމަށް ދިޔައީ ކޮރަކަލި ޓީމެވެ.

އުރީދޫގެ މި ފަހަރުގެ މަސްރޭހުގައި އެންމެ ބަރު މަސް ބޭނީ ޓީމު އަލިފަސްގެ މުހައްމަދު ނަޝީދު އެވެ. އެއީ 9.4 ކިލޯގެ މުޑަ ހަންޖެއް ބާނައިގެންނެވެ. މި މުބާރާތުގެ އެންމެ މޮޅު މަސްވެރިއަކަށް ހޮވުނީ އަލީ އަބްދުﷲ (ޗިލް ބްރޯޒް) އެވެ. އެންމެ މޮޅު އަންހެން މަސްވެރިއަކަށް ހޮވުނީ ޓީމު ކޮރަކަލިގެ ޖަވާދާ އަހްމަދު އެވެ.

މި މަސްރޭހުގެ އެއް ވަނަ ޓީމަށް ހުށަހަޅާފައި ވަނީ 25،000ރ. އެވެ. ދެ ވަނަ އަށް 10،000ރ. އަދި ތިން ވަނަ ޓީމަށް ދެނީ 5،000ރ. އެވެ. އެންމެ މޮޅު މަސްވެރިޔާ އަށް 1،000ރ. އަދި އެންމެ މޮޅު ފިޝަވުމަން ނުވަތަ އަންހެން މަސްވެރިޔާ އަށް ވެސް 1،000ރ. ވަނީ ހުށަހަޅައިފަ އެވެ. އެންމެ މޮޅު މަސްވެރިޔާ އާއި އަންހެން މަސްވެރިޔާ އަށް ޕިއޯ އަލްޓިމެޓްސީ ސްޕިރިޓް/ގޭންގްސްޓަ (އެޗް/ޑީ) ދޮއްޓެއް ވެސް ވަނީ އިނާމަކަށް ހުށަހަޅައިފަ އެވެ.
މިއީ އުރީދޫގެ އަހަރީ ދުވަހާ ގުޅުވައިގެން ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ މަސް ރޭހެކެވެ. މި ރޭސް ފެށީ މިދިޔަ މަހުގެ 9 ވަނަ ދުވަހު ކ. ހިންމަފުށީގަ އެވެ. އޭގެ އިތުރުން ގދ. ތިނަދޫގައި ވެސް މި ފަހަރުގެ މަސްރޭސް ވަނީ ބާއްވައިފަ އެވެ.

