
އޭދަފުށީ ކައުންސިލުގެ އެހީތެރިކަމާއެކު ޕީސް ފައުންޑޭޝަނާއި އައިއައިޓީއީގެ ބަހިއްޔާ ކެމްޕަސް ގުޅިގެން އޭދަފުށީގައި ނަމާދު ވޯކްޝޮޕެއް ބާއްވައިފި އެވެ.
މި ހަފްތާ ބަންދު ބަހިއްޔާ ކެމްޕަސްގައި ކުރިއަށްގެންދިޔަ މި ވޯކްޝޮޕްގައި 60 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނާއި ކުޑަކުދިން ހިމެނެއެވެ.
މިވޯކްޝޮޕްގެ މަގުސަދަކީ ނަމާދާއި ބެހޭ މުހިއްމު މައުލޫމާތު ފޯރުކޮށްދިނުމާއި ނަމާދުކުރާނެ ގޮތް ދަސްކޮށްދިނުމާއި ނަމާދަށް އަހުލުވެރި ކުރުވުމާއެކު ނަމާދަށް ލޯބިޖެއްސުމެވެ.

ވޯކްޝޮޕްގައި ކިޔަވައިދެއްވީ މޯލްޑިވްސް އިސްލާމިކް ޔުނިވަސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޑްޖް އެންޑް ހިއުމަން ސައިންސް، ޝެއިޚް ނިމާލު މުހައްމަދެވެ.
ޕީސް ފައުންޑޭޝަނުން ބުނީ މިކޭމްޕުގައި ކިޔައިދެވުނު ބައިތަކަށްވުރެ އެޑްވާންސް ބައިތަކެއް ދެންއަންނަ ފަހަރު ބާއްވާ ކޭމްޕްގައި މިފަހަރުގެ ބައިވެރިންނަށް ކުރިއަށް ގެންގޮސް ދޭނެ ކަމަށެވެ. އެގޮތުން ދެވަނަ ވޯކްޝޮޕް ޑިސެމްބަރުގެ ކުރިން ބާއްވާނެކަމަށް ވެސް އެ ފައުންޑޭޝަނުން ބުންޏެވެ.


