
ބާ އަތޮޅު ބަޔޮސްފިއާ ރިޒާވް، 8 ވަނަ އައިޔޫސީއެން އޭޝިއާ ރީޖަނަލް ކޮންޒަވޭޝަން ފޯރަމްގައި ބައިވެރިވެއްޖެއެވެ.
މި ފޯރަމް ބޭއްވީ ސެޕްޓެމްބަރު 3 އިން 5 އަށް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައެވެ.
މި ފޯރަމްގެ މަޤްޞަދަކީ އޭޝިއާ ސަރަހައްދުގައި ތިމާވެށި ރައްކާތެރިކުރުމުގެ މަސައްކަތްތައް މުރާޖަޢާކޮށް، ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް ތިމާވެށްޓާއި ދިރޭތަކެތީގެ ނަސްލުތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމެވެ. ފޯރަމްގެ ޝިޢާރަކީ “އޭޝިއާގައި ތިމާވެށި ރައްކާތެރިކުރުން އަލުން އެކުލަވާލުން: ގުދުރަތަށް ފައިދާހުރި މުސްތަޤުބަލެއް” އެވެ.
މި ފޯރަމްގައި ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ އިތުރުން، ދިވެހިރާއްޖެއިން ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީގެ އިތުރުން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ، އައްޑޫ ނޭޗަރ ޕާރކް އަދި ފުވައްމުލަކު ނޭޗަރ ޕާރކް ހިމެނެއެވެ.

ދިވެހި ވަފުދުގެ އިސްވެރިޔަކީ މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ އޮނަރަބަލް ތާރިޤް އިބްރާހީމްއެވެ.
މި ފޯރަމްގައި މުޅި އޭޝިއާ ސަރަހައްދުން 600 އަށްވުރެ ގިނަ ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާގެ އިސްވެރިން ބައިވެރިވިއެވެ.

