
ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއިން ބ. އަތޮޅުގެ ހަތަރު ރަށެއްގައި ހިންގި ކެންސަރ ހޭލުންތެރިކަމާއި ސްކްރީނިންގ ޕްރޮގްރާމުގައި ޖުމްލަ 777 މީހުން ސްކްރީން ކޮށްފައިވާކަމަށް އެ ޖަމްޢިއްޔާއިން ބުނެފި އެވެ.
ކެންސަރ ސޮސައިޓިން ބުނިގޮތުގައި، ސެޕްޓެމްބަރ 4 އިން 7 އަށް ކުރިއަށް ގެންދެވުނު މި ޕްރޮގްރާމުގައި ގައިގެ ކެންސަރަށް 242 މީހުން ސްކްރީން ކުރެވުނެވެ. އަދި އަނގައިގެ ކެންސަރަށް 303 މީހުންނާއި، އަންހެނުންގެ ރަހިމުގެ ކެންސަރަށް 144 މީހުން ސްކްރީން ކުރެވުނެވެ. މީގެ އިތުރުން ގޮހޮރުގެ ކެންސަރަށް 42 މީހުންނާއި ފިރިހެނުންގެ ޕްރޮސްޓޭޓް ކެންސަރަށް 46 މީހުން ސްކްރީން ކުރެވުނެވެ.

މި ޕްރޮގްރާމު ކުރިއަށް ގެންދިޔައީ ބ. އޭދަފުށި، ފެހެންދޫ، ގޮއިދޫ އަދި ފުޅަދޫ ގަ އެވެ. އެގޮތުން މި ޕްރޮގްރާމުގެ ތެރެއިން އެ ރަށްރަށޫގައި ހޭލުންތެރިކުރުމުގެ އަށް ސެޝަން ބޭއްވުނު ކަމަށާއި، މި ސެޝަންތަކުގައި 55 ދަރިވަރުންނާއި 99 ބޮޑެތި މީހުން ބައިވެރިވި ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.
ކެންސަރ ސޮސައިޓީން ބުނީ މި ޕްރޮގްރާމަކީ ބ. އަތޮޅުގެ ރައްޔިތުންގެ މެދުގައި ކެންސަރާ ބެހޭ ހޭލުންތެރިކަން އިތުރުކޮށް، އަވަހަށް ކެންސަރ ދެނެގަތުމަށް މަގުފަހިކޮށްދިނުމަށް ކުރެވުނު މުހިންމު މަސައްކަތެއް ކަމަށެވެ. އަދި މިފަދަ ޕްރޮގްރާމްތައް ކުރިއަށް އޮތްތަނުގައިވެސް ރާއްޖޭގެ އެހެން އަތޮޅުތަކުގައި ހިންގުމަށް ރާވާފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުންޏެވެ.

