
ބ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) މެންބަރުންގެ ޤާބިލުކަން އިތުރުކޮށް، ލޯކަލް ގަވަރނަންސްގައި އަންހެނުން ބާރުވެރިކުރުވުމަށް އަމާޒުކޮށްގެން ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް ބ. އޭދަފުށީގައި ފަށައިފިއެވެ.
އޭދަފުށީ ބަހިއްޔާ ޕްރީ ސްކޫލުގެ މީޓިން ހޯލުގައި މިއަދު ހެނދުނު ފެށި ޕްރޮގްރާމް ފައްޓަވައިދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އެވެ. މި ޕްރޮގްރާމަކީ އޭޝިއާ ފައުންޑޭޝަނުގެ އެހީގައި ފޭލި ޖަމްޢިއްޔާއިން ބ. އަތޮޅު ކައުންސިލާއި އޭދަފުށި ކައުންސިލް ގުޅިގެން އިންތިޒާމުކުރި ޕްރޮގްރާމެކެވެ.

ލޯކަލް ގަވަރނަންސްގައި އަންހެނުންގެ ދައުރު އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމުގައި ބ. އަތޮޅުގެ ދެ ރަށް ފިޔަވައި އެހެން ހުރިހާ ރަށެއްގެ ޑަބްލިއުޑީސީ މެންބަރުން ބައިވެރިވިއެވެ.
މި ޕްރޮގްރާމުގެ ސަބަބުން އަތޮޅު ފެންވަރުގައި އަންހެނުންގެ ބައިވެރިވުން އިތުރުވެ، ލޯކަލް ގަވަރނަންސްގައި އަންހެނުންގެ ދައުރު ފުޅާވެގެންދާނެ ކަމަށް ފޭލިން ބުންޏެވެ.

