
އޭދަފުށި ކަޕް 2024 ގެ ފައިނަލް މެޗު މިއަދު ކުޅޭއިރު މެޗު ހާއްސަވާ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. މިއަދުގެ ފައިނަލަކީ ފުޓްބޯޅައިގައި މިއަހަރު އޭދަފުށީގައި ކުޅޭ އެންމެ ވާދަވެރި އެންމެ ބޮޑު ފައިނަލެވެ. މެޗުގައި ވާދަކުރާ އިރުމަތި އެފްސީ އާއި ވެލާ ސްޕޯޓްސް ކްލަބް ނިސްބަތްވަނީ ރަށުގެ ދެ އަވަށަށެވެ. އެހެންވެ މިއަދުގެ މެޗަކީ އަހަރުތަކަކަށް ފަހު އަވަށު ވާދަވެރިކަން ވެސް ފެންނާނެ މެޗެކެވެ.
އޭދަފުށި ކަޕްގެ ފުރަތަމަ ތިން މުބާރާތުގެ ތެރެއިން ދެ ފައިނަލުގައި ކުޅެ ވެލާ ބަލިވި އެވެ. 2021 ވަނަ އަހަރު މެދު އަވަށަށް ނިސްބަތްވާ އެމްއޭ ޔުނައިޓެޑް އަތުން ބަލިވިއިރު މިދިޔަ އަހަރު ބަލިވީ ހުޅަނގަށް ނިސްބަތްވާ ހުސް ސޮންގުން އަތުންނެވެ. މިއީ ފައިނަލުގައި އިރުމަތި އެފްސީއާ ދެކޮޅަށް ވެލާ ސްޕޯޓްސް ނުކުންނަ ފުރަތަމަ ފަހަރެވެ.
އޭދަފުށީގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައި މީގެކުރިން ދެ އަވަށުގެ ވަރުގަދަ ވާދަވެރި ކުރިމަތިލުންތައް ވަނީ ފެނިފަ އެވެ. އޭރު އިރުމަތިން ނުކުތް ސައިނޯސާ އާއި ހުޅަނގުން ނުކުތް ސަސްސެޓް ފުޓްބޯޅަ ޓީމުގެ އިތުރުން އެހެނިހެން ނަން ނަމުގައި ވެސް ދެ އަވަށުގެ ވާދަވެރިކަން ވަނީ ފެނިފަ އެވެ. އެކަމަކު އާ ފުޓްބޯޅަ ސްޓޭޑިއަމްގައި މުބާރާތްތައް ކުޅެން ފެށިފަހުން ސަޕޯޓަރުން ކުރިމަތީ ފެންނާނެ އަވަށު ވާދަވެރިކަމުގެ އެންމެ ބޮޑު މެޗަކީ މިއަދުގެ ފައިނަލެވެ.
އިރުމަތި އެފްސީ ފައިނަލަށް ދަތުރުކުރީ ލީގު ބުރުގައި ކުޅުނު ހަތަރު މެޗުން 10 ޕޮއިންޓް ހޯދައިގެން އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމުން ވަނީ ލީބު ބުރުގައި ވެލާ ސްޕޯޓްސް ވެސް 0-1 އިން ބަލިކޮށްފަ އެވެ. އެއްވަރުވީ ހަމައެކަނި ހުސް ސޮންގުންނާ ދެކޮޅަށް ކުޅުނު މެޗެވެ. ލީގު ބުރުގެ ހަތަރު މެޗު ނިންމާލީ ވަރުގަދައަށް ޑިފެންސްކޮށް ބައިކޮޅަށް ގޯލެއް ވެސް ނުވަދެ އެވެ.
ވެލާ ސްޕޯޓްސް ކްލަބަށް ލީގު ބުރުގައި 7 ޕޮއިންޓާ އެކު ލިބުނީ ދެ ވަނަ އެވެ. އެހެންވެ އެޓީމު ޖެހުނީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރަން ސެމީ ފައިނަލް މެޗުގައި ކުޅޭށެވެ. އެ މެޗުގައި ހުސް ސޮންގުންނާއި ވާދަކޮށް ފަހު ވަގުތު ގޯލު ޖަހައި 0-1 އިން މޮޅުވެ އެޓީމު ފައިނަލަށް ދަތުރުކުރި އެވެ.
ހިތްހަމަޖެހުމަކީ ލީގު ބުރުގައި ވެލާ ސްޕޯޓްސް އަތުން ހޯދި މޮޅު: ކޯޗު ޝާފީ
އިރުމަތި އެފްސީގެ ކޯޗުކަން މިއަހަރު ވެސް ކުރަނީ ޝާފީ އަލީ އެވެ. ޝާފީ އަލީ ވަނީ މިދިޔަ އަހަރު މުބާރާތުގައި އެޓީމު ގޮވައިގެން ސެމީ ފައިނަލުގައި ކުޅެފަ އެވެ. އޭގެ ކުރީ ދެ އަހަރު ޝާފީ ވަނީ އެމްއޭ ޔުނައިޓެޑަށް ކޯޗުކޮށްދީ އެޓީމަށް ޗެމްޕިއަންކަން ހޯދައިދީފަ އެވެ. އެހެންވެ އާ ފުޓްބޯޅަ ސްޓޭޑިއަމްގައި ފެށި އާ މުބާރާތުގެ އެންމެ ކާމިޔާބު ކޯޗަކީ އޭދަފުއްޓަށް އުފަން ޝާފީ އެވެ.

އިރުމަތި އެފްސީ އިން ބައިކޮޅަށް ގޯލެއް ނުވަދެ އެއް ވަނަ ޓީމުގެ ގޮތުގައި ފައިނަލުގެ ޖާގައެއް ހޯދުމަކީ ޝާފީ އާއި ޓީމަށް ބޮޑު ހިތްހަމަޖެހުމެކެވެ. ފައިނަލް މެޗާ ގުޅޭގޮތުން ހަފްސީ.ކޮމް އަށް ދިން އިންޓަވިއުގައި ޝާފީ ބުނީ އިރުމަތި އެފްސީ އިން މެޗުތަކަށް ނުކުތީ ކޮންމެ މެޗަކަށް ވަކި ގޭމް ޕްލޭނެއް ހަދައިގެން ކަމަށާއި، އެގޮތަށް ނުކުމެ ވެލާ ސްޕޯޓްސް ވެސް ބަލިކުރެވިފައި އޮތުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
“ހުރިހާ ގޮތަކުން ވެސް މުބާރާތުގެ ފޭވަރިޓުންނާ އިދިކޮޅަށް މި ޖެހެނީ ފައިނަލުގަ ކުޅެން. ޓީމަށް އޮތް ހިތްހަމަޖެހުމަކީ އަޅޫގަނޑުމެންގެ ގޭމް ޕްލޭންއާ އެއްގޮތަށް ކުޅެ އެޓީމު ބަލިކޮށްފަ އޮތުން. އެހެންވެ ފައިނަލް މެޗަށް ވެސް ނުކުންނަނީ ހަމަ ވެލާ ޓީމު މުބާރާތުގަ ކުޅުނު މެޗުތައް ބަލާފަ” އަބަދުވެސް ރަށު ފުޓްބޯޅައިގެ ހިދުމަތުން ފެންނަ ޝާފީ ބުންޏެވެ.
ޝާފީ ބުނީ ލީގު ބުރުގެ މެޗުތަކަށް ފަހު އެޓީމަށް ތިން ދުވަހުގެ ބްރޭކެއް ލިބުމުން އެއީ މެޗުގައި އެޑްވާންޓޭޖަކަށް ވާނެ ކަމަށެވެ. އަނިޔާގައި ތިބި ކުޅުންތެރިން ރަނގަޅުވާން ތިން ދުވަސް މަދުވި ނަމަވެސް ވަރުބަލިކޮށް ތިބި ކުޅުންތެރިންނަށް އެއީ ރަނގަޅެއް ކަމަށް ޝާފީ ފާހަގަކުރި އެވެ. އެހެންވެ މެޗު ކުރިއަށްދާއިރު އިރުމަތި އެފްސީ އަށް އެޑްވާންޓޭޖް ނެގޭނެ ކަމަށް ކޯޗު ގަބޫލުކުރެ އެވެ.
ލީގު ބުރުގައި ވެލާ ސްޕޯޓްސް މެޗުގައި ނުކުޅޭ އަހުމަދު އައިހަމް (އައިހު) އާއި އީގާން އަބްދުލްމަޖީދު މިއަދު އިރުމަތި އެފްސީ ޓީމުން ފެންނާނެ އެވެ. “އީޓީ” އާ ވާހަކަދައްކަމުން ޝާފީ ބުނީ ކުރީ މެޗުގަ އޮތް ޓީމާ އަޅާކިޔާއިރު އިރުމަތި އެފްސީ ފައިނަލަށް އިތުރަށް ވަރުގަދަވެފައިވާކަމަށެވެ.

“ސްކޮޑަށް ބަލާއިރު ވަރަށް ލިމިޓެޑް ކުޅުންތެރިން މި ތިބީ. މިހާ ގާތްގާތުގަ ގިނަ މެޗުތަކެއް ކުޅެން ޖެހުން އެއީ ކޯޗަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުން. ކުޅުންތެރިންގެ ކޮންޑިޝަން އެނގި އެ ކުޅުންތެރިން ބޭނުންކުރަންވީ ގޮތް އެބަ އެނގޭ. އަނެއްކޮޅުން ވެލާގަ ތިބި ކުޅުންތެރިންނަކީ ވެސް ކުޑައިރުން ފެށިގެން އެނގޭ” ޝާފީ ބުންޏެވެ.
މެޗަށް ނުކުންނައިރު އިރުމަތި އެފްސީގެ ޑިފެންޑަރު އަފްރާހް އަބްދުލްއަޒީޒް ވަނީ ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވެފަ އެވެ.
“އަފްރާ ނެތުން އެއީ ވަރަށް ބޮޑު ތަނެއް. ޑިފެންޑަރެއް ގޮތުގަ އަހަރެން ވަރަށް ހިތްހަމަޖެހޭ ކުޅުންތެރިއެއް އެއީ. އަފްރާ ރީޕްލޭސްއެއް ނުކުރެވޭނެ. އެކަމަކު އެވެއިލަބަލް ރިސޯސް ބޭނުންކޮށްގެން މިއަދު އެތަނެއް ނުފެންނާނެ” މުހިއްމު ޑިފެންޑަރު ނެތަސް އެކަމުގެ އަސަރު މެޗުން ނުފެންނާނެ ކަމުގެ ޔަގީންކަން ދެމުން ޝާފީ ބުންޏެވެ.
މިދިޔަ އަހަރުތަކުގައި ހޯދާފައިވާ ކާމިޔާބީއަކީ ޝާފީ ގަބޫލުކުރާ ގޮތުގައި މިއަދުގެ މެޗަށް ނުކުންނައިރު އޭނާ އަށް އެޑްވާންޓޭޖެކެވެ. އެހެންވެ ފައިނަލަކަށް ޓީމު ތައްޔާރުކުރަންވީ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށް ޝާފީ ބުނެފައިވެ އެވެ.
ވެލާ ސްޕޯޓްސް އަށް ތަށީގެ ހުވަފެން ހަގީގަތަކަށް ހެދޭނެ: ކޯޗު ނިޔާ
މިދިޔަ އަހަރުތަކުގައި ދެ ފައިނަލުން ބަލިވުމަކީ އެޓީމަށް އޮތް މާޔޫސް ކަމެކެވެ. އެހެންވެ މިއަހަރުގެ މުބާރާތަށް އެޓީމު ނުކުތީ އެންމެ ވަރުގަދަ ޓީމާ އެކު ސީދާ ތައްޓަށް އަމާޒު ހިފައިގެންނެވެ. އެ އުއްމީދަށް ދިއުމަށް އެޓީމަށް ބާކީ އޮތީ މިއަދު ހަވީރު ކުޅޭ ފައިނަލުގެ 90 މިނެޓެވެ.
ވެލާ ސްޕޯޓްސްގެ ކޯޗަކީ ފުޓްބޯޅަ އާއި ފުޓްސަލްގެ ތަޖުރިބާ ބޮޑު އަހުމަދު ނިޔާޒް (ނިޔާ) އެވެ. ނިޔާ އަކީ އޭދަފުށީގެ ކުޅުންތެރިން ގާތުން ދަންނަ އެ ކުޅުންތެރިންނާ އެކު ގިނަ ތަޖުރިބާތަކެއް ކޮށްފައިވާ ކޯޗެވެ.

ފައިނަލާ ގުޅޭގޮތުން “އީޓީ” އަށް ދިން އިންޓަވިއުގައި ނިޔާ ބުނީ، މެޗަށް ޓީމު އިތުރަށް ވަރުގަދަވެ ތަށީގެ ހުވަފެން ހަގީގަތަކަށް ހެދޭނެކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.
“އިރުމަތި އެފްސީގަ އެބަތިބި ތަފާތު މޮޅު ކުޅުންތެރިން. އެއީ މޮޅު ޓީމެއް. އެކަމަކު ގްރޫޕް ސްޓޭޖް މެޗާ ބަލާފަ މި މެޗު ވަރަށް ތަފާތު ވާނެކަމަށް މި ބަލަނީ” ކޯޗު ބުންޏެވެ.
ނިޔާ ބުނީ ލީގު ބުރު މެޗުގައި އިރުމަތި އަތުން 0-1 އިން ބަލިވިޔަސް އެ މެޗުގައި ވަރަށް ހިތްވަރުކުރި ކަމަށެވެ. މެޗުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފި ނަސީބު ދެރަކޮށް ބަލިވީކަމަށް ނިޔާ ފާހަގަކުރި އެވެ.

ފައިނަލަށް ނުކުންނައިރު އެޓީމަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އިޝާން އިބްރާހީމް (ސައްޓު) އާއި ހައްފާފް ސިދުގީ ޓީމާ ގުޅުމެވެ. ހައްފާފް އަދި މުބާރާތުގެ މެޗެއްގައި ކުޅެފައި ނުވާއިރު ސައްޓު ވަނީ ސެމީ ފައިނަލުގައި ހުސް ސޮންގުންނާ ދެކޮޅަށް މެޗު އެއްކޮށް ކުޅެފަ އެވެ. އޭގެކުރިން ލީގު ބުރުގައި ވެސް ހުސް ސޮންގުން މެޗުގައި ފަހު ވަގުތު ކުޅެން ނުކުތެވެ.
“ސައްޓުއާ ހައްފާފް ގުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އެއީ އިރުމަތި އެފްސީ މެޗުގަ ކުރިން ނުކުޅޭ ކުޅުންތެރިން. އެކުޅުންތެރިންނާއި އެކު ވެލާ ސްޕޯޓްސް އޮތީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން” އަތޮޅުތެރޭގެ މުބާރާތްތަކުގެ ޗެމްޕިއަންކަން މީގެކުރިން ހޯދާފައިވާ ކޯޗު ބުންޏެވެ.
ވާދަވެރި ފައިނަލް މެޗު އޭދަފުށި ފުޓްބޯޅަ ސްޓޭޑިއަމްގައި ފަށާނީ މިއަދު ހަވީރު 3:45 ގަ އެވެ.