
ބ. އަތޮޅު ކައުންސިލުން އަތޮޅުގެ ހުރިހާ ކައުންސިލް އިދާރާތަކެއް ސޯލާ ހަކަތައަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫޢެއް ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަޝްރޫޢުގެ ދަށުން ބ. އަތޮޅުގެ 13 ރަށެއްގެ ކައުންސިލް އިދާރާތަކުގައި ސޯލާ ޕެނަލް އިންސްޓޯލްކުރާނެ އެވެ. މި މަޝްރޫ ފެށުމަށް ބޭނުންވާ ސާމާނު އަތޮޅު ކައުންސިލުން މިހާރު ވަނީ އަތޮޅުގެ ރަށްރަށަށް ފޮނުވާފައެވެ.
މި މަޝްރޫޢު ރަސްމީކޮށް އިފްތިތާޙުކުރުމަށް މާދަމާ ކުޑަރިކިލުގައި ރަސްމިއްޔާތެއް ބޭއްވުމަށް އަތޮޅު ކައުންސިލުން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާނީ ތިމާވެށްޓާ ބެހޭ މިނިސްޓަރު ޠާރިޤް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ސިޓީސް އެންޑް ލޯކަލް ގަވަރނަންސް މިނިސްޓަރު އާދަމް ޝަރީފްވެސް ބައިވެރިވެވަޑައިގަންނަވާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން މިއަތޮޅުގެ ކައުންސިލްތަކުން ކަރަންޓަށް ކުރާ ޚަރަދު ބޮޑުތަނުން ކުޑަވާނެ އެވެ. މިއީ ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

