
އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އިއްޔެ ހާމަކުރި ގޮތުގައި ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ދިރުންތަކަށް ގެއްލުން ލިބޭ މިންވަރު އަހަރުން އަހަރަށް އިތުރުވަމުންދެއެވެ.
އީޕީއޭގެ ބަޔާނުގައި ބުނެފައިވަނީ ހިމާޔަތްކުރެވިފައިވާ ދިރުންތައް ހިފުމާއި، ގެންގުޅުމާއި، މެރުމާއި، ކެއުމުގެ އިތުރުން އެ ތަކެތީގެ ބައިތަކުގެ ވިޔަފާރިކުރުމަކީ ވެސް މަނާކަމެއް ކަމަށެވެ. “ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު” ގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދުގައި ރާއްޖޭގެ މާޙައުލުން ފެންނަ ގިނަ މުހިންމު ދިރުންތަކެއް ވަނީ ޤާނޫނީ ގޮތުން ހިމާޔަތްކުރެވިފައެވެ.
މީގެ ތެރޭގައި ހިމެނެނީ ފަސް ބާވަތެއްގެ ވެލަޔާއި ކަހަނބު، އެއް ބާވަތެއްގެ ކަންޒު ކަހަނބު، 207 ބާވަތެއްގެ ދޫނި، ރާއްޖޭގެ ސަރަޙައްދުން ފެންނަ ހުރިހާ ބާވަތެއްގެ މަޑި، އަދި ފެހުރިއްސެވެ. މި ދިރުންތަކަކީ ރާއްޖޭގެ ގުދުރަތީ މާޙައުލަށާއި، ދިވެހިންގެ ސަގާފަތަށާއި އިޤްތިޞާދަށް ވަރަށް މުހިންމު ދިރުންތަކެކެވެ.
އީޕީއޭއިން ފާހަގަކުރި ގޮތުގައި މި ދިރުންތަކަކީ ރާއްޖޭގެ ޓޫރިޒަމަށް ވެސް ވަރަށް މުހިންމު ދިރުންތަކެކެވެ. ޚާއްޞަކޮށް މިހާރު ޕްރޮމޯޓްކުރަމުންދާ “ނޭޗަރ ޓޫރިޒަމް” ގެ މައިގަނޑު އަސާސަކީ މި ދިރުންތަކެވެ.
ނަމަވެސް، އީޕީއޭއިން ކަންބޮޑުވުން ފާޅުކުރަނީ މި ދިރުންތަކަށާއި އެ ތަކެތީގެ މާޙައުލަށް ގެއްލުން ދޭ ޢަމަލުތައް އިތުރުވަމުންދާތީއެވެ. މީގެ ތެރޭގައި ހިމެނެނީ ހިމާޔަތްކުރެވިފައިވާ ދިރުންތަކަށް ކާންދިނުމާއި، އަތްލުމާއި، ކަނޑު އުޅަނދުފަހަރުގައި ފެހުރިހި ފަދަ ބޮޑެތި ދިރުންތައް ފަހައި، ގިނަ އަދަދެއްގެ މީހުން އެއްފަހަރާ އެ ތަކެއްޗާ ގާތްވެ، އެ ތަކެތީގެ ޠަބީޢީ އުޅުމަށް ބަދަލު އަންނާނެ ފަދަ ޢަމަލުތަކެވެ.
މި މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ ފެހުރިހި ހިމާޔަތްކުރުމަށް އައު އުސޫލެއް މިދިޔަ މަހު ތަޢާރަފުކޮށްފައެވެ. އަދި އީޕީއޭއިން ވަނީ ގަވާއިދާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ދީފައެވެ.

