
ބ. ދޮންފަނާއި ކެންދޫގައި ޕޮލިސް ޕޯސްޓު ހުޅުވައި، ފުލުހުން އެ ރަށްރަށުގައި ގާއިމުވެތިބެ ޚިދުމަތްދޭން މިއަދު ފަށައިފިއެވެ.
ދޮންފަނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި އެރަށު ކައުންސިލު ރައީސް އަހްމަދު އިރުޝާދުއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރު ވިދާޅުވީ، މިއަދަކީ ދޮންފަނު ރައްޔިތުންގެ ހަޔާތުގައި ވަރަށް ތާރީޚީ އަދި އުފާވެރި ދުވަހެއްކަމަށެވެ. މި ޕޮލިސް ޕޯސްޓާއެކު، ރަށުގައި ދިރިއުޅޭ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ އެންމެހައި ފަރާތްތަކަށް އަމާންކަމާއި ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭގެ އިތުރުން، ސައިބަރ ސްޕޭސްގައި ފެތުރެމުންދާ ކުށްތަކާއި ސްކޭމް މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ފަސޭހަވެގެންދާނެ ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވިއެވެ. ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުށް ހުއްޓުވުމަށް މަސައްކަތްކުރާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ކެންދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު އާއި އެރަށު ކައުންސިލު ރައީސް އިބްރާހީމް ޢަބްދުއްރަޙްމާންއެވެ.
ކޮމިޝަނަރު ވާހަކަފުޅުގައި ފާހަގަކުރެއްވި ގޮތުގައި 2016 މެއި 6 ވަނަ ދުވަހު ކެންދޫގައި ޕޮލިސް ޑެސްކުން ފެށި ފުލުހުންގެ ޚިދުމަތް މިއަދު ޕޮލިސް ޕޯސްޓަކަށް ތަރައްގީ ކުރެވިފައިވާތީ ރަށުގެ ރައްޔިތުންނަށް މަރުހަބާ ދެންނެވިއެވެ. އަދި ކެންދުއަކީ ކުށްމަދު އަމާން މުޖުތަމައެއް އޮންނަ އިޖުތިމާއީ ގުޅުން ބަދަހި ރަށެއްކަމަށް ވިދާޅުވިއެވެ. ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކޮށްފިނަމަ ކުށްމަދު ގައުމަކަށް މި ގައުމު ވެގެންދާނެކަމަށް ޔަގީންކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ދެ ރަށުގައި ޕޮލިސް ޕޯސްޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ސަރވިސް ޑިވެލޮޕްމަންޓް ޑައިރެކްޓްރޭޓްގެ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ ޢަލީ އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ބ. އަތޮޅު ކައުންސިލާއި ދޮންފަނާއި ކެންދޫގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދޮންފަނާއިކެންދޫގައި މިއަދު މި ޚިދުމަތް ފެށުމާއެކު ބ. އަތޮޅުގައި ހިމެނޭ 13 ރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް މިހާރު ނުފެށި އޮތީ ކަމަދު އާއި ފެހެންދޫ އަދި ފުޅަދޫގައެވެ. މިރަށްރަށުގައި ވެސް ފުލހުންގެ ހިދުމަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.
