
ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ޅ. އަތޮޅު ހެދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ރައީސް އޮފީހުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް މި ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ އިތުރު ތިން ސަރަހައްދެއް ބަޔޮސްފިއާ ރިޒާވްއަކަށް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަނޑައަޅާ ސަރަހައްދަކީ ޅ. އަތޮޅު ކަމަށް އޭނާ ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ ބަޔޮސްފިއާ ރިޒާވްއަކަށް ވާން ބޭނުންވާ އަތޮޅުތަކަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވައިލުމުން އެކަމަށް ޝައުޤުވެރިކަން މިހާތަނަށް ފާޅުކުރީ ޅ. އަތޮޅު ކައުންސިލުން އެކަނި ކަމަށެވެ.
“އެ ބޭފުޅުންގެ [ޅ. އަތޮޅު ކައުންސިލްގެ] ޕްރޮޕޯސަލް އަޅުގަނޑުމެން މިހާރު ވަނީ އިވެލުއޭޓްކޮށް، ބަޔޮސްފިއާ ރިޒާވް ހެދޭނެކަން އެ ބޭފުޅުންނަށް އަންގާފައި،” ތޯރިގް ވިދާޅުވި އެވެ.
ބަޔޮސްފިއާ ރިޒާވެއް ކަމަށް ޔުނެސްކޯ އިން ކަނޑައަޅާނީ ސަރުކާރުން ހުށަހަޅާ ލިޔުންތަކުގެ މައްޗަށް ބަލައި، ޝަރުތު ހަމަވާ ނަމަ އެވެ. ޅ. އަތޮޅުގެ ހަ ސަރަހައްދެއް އޮންނަނީ ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކޮށްފަ އެވެ. އޭގެ ތެރޭގައި ފަޅުރަށްތަކާއި ފަރުތަކާއި ތިލަތަކާއި އަދި ފިނޮޅުތައް ހިމެނެ އެވެ.
ޅ. އަތޮޅު ބަޔޮސްފިއާ ރިޒާވަކަށް ބަދަލުކުރުމަށް ބޭނުންވާ ފައިސާގެ އެހީ، ޔޫއެންޑީޕީން ހިންގާ ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން މިހާރު ހަމަޖައްސައިދީފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި މަޝްރޫޢުގެ މަސައްކަތް އަވަސް މުސްތަޤުބަލެއްގައި ފެށޭނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ މި ވަގުތު ތިން ބަޔޮސްފިއާ ރިޒާވް އޮވެ އެވެ. އެއީ، މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ ރާއްޖޭގެ ފުރަތަމަ ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ކަނޑައެޅި ބ. އަތޮޅުގެ އިތުރުން އައްޑު އާއި ފުވައްމުލަކެވެ. އައްޑު އާއި ފުވައްމުލަކަކީ ވެސް ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ދެ ސިޓީ އެވެ.

