ބްލޮކް ގްރާންޓުގެ ގޮތުގައި ކައުންސިލުތަކަށް ފަސް ޕަސެންޓު ލިބޭނެ: ރައީސް

ޕެޓް ކެއާ ފެސިލިޓީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ–ފޮޓޯ/ރައީސް އޮފީސް

ބްލޮކް ގްރާންޓުގެ ދަށުން ސަރުކާރުން ކައުންސިލްތަކަށް ދިނުމަށް ކަނޑައަޅާފައިވާ ފަސް ޕަސެންޓު ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާނެ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި މި ސަރުކާރުން ހަދާފައިވާ ކެޓް ޝެލްޓާ ހުޅުވުމުގެ ރަސްމިއްޔާތުގައި އެ މަނިކުފާނު ވިދާޅުވީ މި އަހަރުގެ ބަޖެޓް ފާސްވާއިރުވެސް ޤާނޫނުގައިވާ ގޮތުގެ މަތިން ބްލޮކް ގްރާންޓްގެ 5 އިންސައްތަ ކައުންސިލްތަކަށް ލިބިދެވޭނެ ކަމަށެވެ.

ކައުންސިލްތަކުގެ އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާ ކަމަށެވެ.

މީގެއިތުރުން، ލޯކަލް ޓޫރިޒަމްގެ ޓެކްސްގެ އިންސައްތައެއް ކައުންސިލްތަކަށް ލިބޭނެގޮތް ހެދުމަށް ޤާނޫނަށް އިޞްލާޙު ހުށަހަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

“އަދި އޭގެ އިތުރަށް ވެސް އަޅުގަނޑު އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފުތާއެއް ދެ ހަފުތާއެއް ތެރޭގައި އިއުލާން ކުރާނަން ވަރަށް ބައިވަރު އަދި ވަރަށް މުހިންމު، ގާނޫނުގައި ލިޔެވިފައި ހުރި މިއަދާ ހަމައަށް ކައުންސިލްތަކާ ހަވާލުނުކޮށް ހުރި ކަންތައްތަކެއް،” އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވަނީ “ޢަމަލާއި ބަހާ ދިމާކުރުމުގެ” ސިޔާސަތެއް ކަމަށާއި، މިއަދު ހުޅުވުނު “އޮޅު ހިޔާ” އަކީ މި މަސައްކަތުގެ ނަތީޖާއެއް ކަމުގައެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ 5 އިންސައްތަ ކައުންސިލްތަކަށް ދިނުމަށް ޤާނޫނުގައި ލާޒިމުކުރި ނަމަވެސް، މި އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގައި ކައުންސިލްތަކަށް ކަނޑައަޅާފައިވަނީ އެއަށްވުރެ މަދު އަދަދެކެވެ.

2025 ވަނަ އަހަރަށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކޮށްފައިވަނީ 34 ބިލިއަން ރުފިޔާއެވެ. މި އަދަދުގެ 5 އިންސައްތައަކީ 1.7 ބިލިއަން ރުފިޔާ ނަމަވެސް، ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދިނުމަށް ބަޖެޓުގައި ހިމަނާފައިވަނީ 1.4 ބިލިއަން ރުފިޔާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.