
ރާއްޖޭގެ ހުރިހާ ހިސާބަކަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.
މި މަޝްރޫއުގެ އަމާޒަކީ އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށް ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އިކޮނޮމިކް މިނިސްޓްރީ އާއި ބީއެމްއެލްއާ ދެމެދު އެއްބަސްވުމެއްގައި މިއަދު ސޮއިކުރިއެވެ.
އެ އެއްބަސްވުމުގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ޝަރީފެވެ. އެ މަޝްރޫއު އިފްތިތާހު ކުރުމުގެ ގޮތުން އދ. އޮމަދޫގައި ވަނީ އޭޓީއެމްއެއް ހުޅުވައި ހިދުމަތް ދޭން ފަށައިފައެވެ.
މިއާއެކު، ބީއެމްއެލްގެ އޭޓީއެމްތަކުގެ އަދަދު ވަނީ 150 އަށް އަރައިފައެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޝަރީފް ވިދާޅުވީ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދިނުމަށް ރައީސް ނިންމެވުމާއެކު މި ފެށޭ މަޝްރޫއުގައި ބީއެމްއެލްއަކީ މުހިންމު ބައިވެރިއއެއް ކަމުގައި ވެގެން ދިއުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“މަޝްރޫއު ކާމިޔާބުކުރުމަށް އަންނަ އަހަރު ނިމެންވާއިރަށް ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓިއެމްގެ ގާއިމްކުރުމުގެ ލަނޑުދަނޑި ހާސިލްވެގެން ދާނެ އަދި މި މަޝްރޫއު ނިމުމާއެކު ކޮންމެ ދިވެއްސަކަށް އެމީހެއްގެ ރަށުން ބޭރަށް ދަތުރުކުރަން ނުޖެހި ބޭންކްގެ ހިދުމަތް ލިބޭނެ.” ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ ކޮންމެ ރަށަކުން އޭރުން ފައިސާ ނެގުމާއި ޖަމާކުރުމާއި އެކައުންޓްތަކަށް ފައިސާ ޓްރާންސްފާކުރުމާއި ލޯނަށާއި ކްރެޑިން ކާޑަށް ފައިސާ ދެއްކުންފަދަ މުހިންމު ހިދުމަތްތައް ލިބިގެންދާނެ ކަމަށެވެ.

