މަޝްރޫއުތައް ލަސްވެ ތުޅާދޫ ކައުންސިލުގެ ކަންބޮޑުވުން އޮއްސާލައިފި

ތުޅާދޫގެ މަތިން ނަގާފައިވާ ފޮޓޯެއް. މަޝްރޫއުތައް ލަސްވެ ތުޅާދޫ ކައުންސިލުގެ ކަންބޮޑުވުންތައް ވަނީ ބަންޑުންކޮށްލާފައި. އަދަދު ފޮޓޯ/އާއިމް ޒަމީރު

ސަރުކާރުން ތުޅާދޫގައި ކުރިއަށް ގެންދަން ކަނޑައަޅާފައިވާ މަޝްރޫއުތައް ނުފެށި އަދި ކުރިއަށް ނުދާތީ، އެރަށު ކައުންސިލުން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލުގެ ހަ މެމްބަރުންގެ ސޮޔާ އެކު، ނެރުނު ބަޔާނެއްގައި ބުނީ ތުޅާދޫ ބަދަރުގެ އެއްގަމުތާއި ޕޭމަންޓުން ބޮޑުބައެއް ހަލާވެ، ވަޅުގަނޑުގަނޑު ހެދި، ބަނދަރުގެ ހިދުމަތް ހޯދާ ފަރާތްތަކަށް އެކިވަރުގެ އަނިޔާތައް ލިބެމުންދާތީ، ނެރު ފުންކޮށްދެއްވައި، ބަނދަރު މަރާމާތުކޮށްދެއްވުންއެދި ސަރުކާރުގެ އެކި މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި އަނގަބަހުންނާއި ސިޓީ ބިޓީ މެދުވެރިކޮށް އެތައް ފަހަރަކު ދަންނަވާފައިވާ ކަމަށެވެ. އަދި ރަށަށް ވަދެ ނިކުމެ ހަދާ ނެރު ތިލަވެ، ލަފާފުރާ އުލަދުތަކަށް ވަނެ ނިކުމެ ހެދުމުގައި އުނދަގޫވެ އަދި ދަތުރުކުރާ ބައެއް އުޅަދުތަކަށް އެކި ވަރުގެ ގެއްލުންވަމުން އަންނަ ކަމަށެވެ.

ނަމަވެސް 2023 ވަނަ އަހަރު ނިމި 2024 ވަނަ އަހަރު ވެސް ނިމެމުންދާއިރު، މަސައްކަތް ފެށުމުގެ ކޮޅުމަތި ނުފެންނާތީ، ކައުންސިލާއި ރައްޔިތުން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައި ބުންޏެވެ.

ތުޅާދޫ ކައުންސިލުން ބުނިގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒު އެރަށަށް ވަޑައިގެން އެރަށަށް ކޮށްދެއްވަން ވައުދުވި އެއްވެސް މަޝްރޫއެއް އަމަލީ މަސައްކަތް ނުފެށި އަހަރަކަށްވުރެ ގިނަ ދުވަސްވެފައިވާތީ ދެރަވެ ހިތާމަކުރާ ކަމަށެވެ.

“ރައީސުލް ޖުމްހޫރިއައްޔާ ޑރ މުހައްމަދު މުއިއްޒު މި ރަށަށް ވަޑައިގެން ރަށުގެ ރައްޔިތުންނަށް ވެލެއްވި ވައުދު ތަކުގެ ތެރޭގައި މި ރަށުގައި އެއާޕޯޓް އަޅުއްވައިދެއްވައި، ސިނާއީ އަދި އިގުތިސާދީ މަސައްކަތްތަކަށް ބޭނުންވާ ބިން އިތުރުކޮށްދެއްވައި ރަށުގެ މަގުތައް ހައްދަވައިދެއްވައި، މި ރަށުގައި ސަގާފީ މަސައްކަތްތެރިކަމުގެ ސެންޓަރަކާއި އިންޑޯ ޖިމެއް އަޅުއްވައިދެއްވާނެ ކަމަށް ވިދާޅުވެފައިވެ، އެއިން އެއްވެސް ކަމެއްގެ އަމަލީ މަސައްކަތް ނުފެށި އަހަރެއް ފާއިތުވެގެންދާތި ނުހަނު ދެރަވެ ހިތާމަ ކުރަމެވެ.” ބަޔާނުގައިވެ އެވެ.

ކައުންސިލުން ބުނީ ލޯކަލް ގަވަމެންޓް މިނިސްޓަރު އާދަމް ޝަރީފް އެރަށަށް ވަޑައިގެން ކައުންސިލާ ބައްދަލުކޮށް ދެއްކެވި ވާހަކަފުޅުގެ ތެރޭގައި ކައުންސިލުގެ އާ އިމާރާތާ ގުޅިގެން އުފާވެރި ހަބަރު ދެއްވާނެކަމަށް ވިދާޅުވެ، މީޑިއާގައި އާއްމުކުރެއްވި ރަށްތަކުގެ ތެރޭގައި އެރަށު ކައުންސިލު އިދާރާ ހިމަނުއްވައިދެއްވީތީ، މަސައްކަތަށް ފަހި ވެއްޓެއްލިބި، ރައްޔިތުންނަށް ލުއި ފަސޭހަ އަވަސް ހިދުމަތް ދެއްވޭނެކަމުގެ އުއްމީދުގައި ތިބީ ނުހަނު އުފަލުން ކަމަށެވެ. އެހެން ނަމަވެސް އަހަރުގެ މިހާތަނަށް އައިއިރު އެކަމުގެ އެއްވެސް ހިލަމެއް ނުވިކަމީ، އުއްމީދު ގެއްލި މާޔޫސްވާން ޖެހުނު ކަމެއްކަމަށް އެ ބަޔާނުގައި ބުންޏެވެ.

ރައީސް މުއިއްޒުގެ ވައުފުލާ އެއްގޮތަށް ސަރުކާރުން އެރަށުގެ ތަރައްގީއަށްޓަކައި ކޮށްދެއްވާން ވިދާޅުވި އެއްވެސް ކަމެއް ފެށުމުގެ ކޮޅުމަތި ނުފެންނާތީ، އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. އަދި އެކަންކަން އަވަސްކޮށްދެއްވުމަށް ސަރުކާރުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އެރަށު ކައުންސިލުން ވަނީ ގޮވާލައިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.