
އަމިއްލަ ފަރާތެއް ކަމަށްވާ ‘ނައިންޓީ ޕްލަސް’ އިން ރާއްޖޭގެ ރަށްރަށަށް ހުޅުވާލައިގެން މާލޭގައި ބާއްވަން ރާވަމުން އަންނަ ގޯލްޑް ކަޕް ގައި ބ. އަތޮޅުގެ ތިން ރަށަކުން ވާދަކުރާނެ އެވެ.
މި މުބާރާތުގައި ބ. އަތޮޅުން ބައިވެރިވެފައިވަނީ އޭދަފުއްޓާއި ތުޅާދު އަދި ބ. ކެންދު އެވެ.
މާލޭގައި މި މަހުގެ 20 އިން އަންނަ މަހުގެ 25 ގެ ނިޔަލަށް ބާއްވާ މުބާރާތަކީ، އަމިއްލަ ފަރާތަކުން މާލޭގައި ބާއްވާ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތެވެ. މުބާރާތުގައި 22 ޓީމު ވާދަކުރާނެ އެވެ.
ބ. އަތޮޅުގެ މި ތިން ރަށުގެ އިތުރުން މުބާރާތުގައި ބައިވެރިވެފައިވާ ރަށްތަކަކީ ހއ. ދިއްދު އާއި ހދ. ނޭކުރެންދު އާއި ރ. އަލިފުއްޓާއި ޅ. ނައިފަރާއި ޅ. ހިންނަވަރާއި ޅ. ކުރެންދު އާއި މާލެ އާއި މާފުއްޓާއި ހުރާ އާއި ކ. ގުރައިދޫ، އއ. ތޮއްޑު އާއި ފ. ނިލަންދު އާއި ދ. މީދު އާއި ދ. ކުޑަހުވަދު އާއި ތ. ތިމަރަފުއްޓާއި ގދ. ފަރެސްމާތޮޑާ އާއި ފުވައްމުލައް އަދި އައްޑޫ އެވެ.
ގޯލްޑް ކަޕަކީ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ދަށްވެފައިވާތީ އަލުން އެ ފޯރި ގެނައުމަށްޓަކައި، ބާއްވަން ނިންމާފައިވާ ސިލްސިލާ މުބާރާތެކެވެ.
މުބާރާތުގެ ހުރިހާ މެޗެއް ޕީއެސްއެމްގެ ޔެސް ޓީވީން ވަގުތުން ގެނެސް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މެޗުގެ ޕްރީ މެޗު ޝޯ އާއި ޕޯސްޓް މެޗު ޝޯ ވެސް ޓީވީން ގެނެސް ވަނީ ރާވައިފަ އެވެ.