
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓްގައި ބ. ކެންދޫ ދާއިރާއަށް އެއްވެސް ކަމެއް ހިމެނިފައި ނުވާ ކަމަށާއި، ރައްޔިތުން ބޭނުންވާނަމަ އިސްތިއުފާ ދިނުމަށް ތައްޔާރަށް އެ ދާއުރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
މައުރޫފް ވިދާޅުވި ގޮތުގައި މި ބަޖެޓަކީ މަޖިލިސް މެންބަރުން ރައީސުލްޖުމްހޫރިއްޔާ އަދި ސަރުކާރުގެ ވެރިންގެ އަރިހުން އާދޭސް ދަންނަވަން ޖެހޭ ގޮތަށް ފަރުމާކުރެވިފައިވާ ބަޖެޓެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި މިނޫން ގޮތަކަށް އެއްވެސް ރަށެއްގައި މަޝްރޫޢުއެއް ނުހިންގޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެއިތުރުން، މައުރޫފް ވަނީ ތަފާތުކުރުން ހުއްޓާލައި، ދާއިރާގެ ރަށްތަކަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ. އަދި މިއީ ޓެކްސް ބޮޑު، ޚަރަދު ބޮޑު، ދަރަނީގެ ބަޖެޓެއްކަމަށާއި، 2024 ވަނަ އަހަރުވެސް ސަރުކާރުގެ މާލީ ކަންކަން މެނޭޖްކުރެވިފައިވަނީ ގޯސްކޮށްކަން ފާހަގަކުރައްވާފައިވެއެވެ.

