
ރާއްޖޭގެ އާބަން ސަރަހައްދުތައް ކަނޑައަޅައި ތަރައްގީ ކުރުމާގުޅޭ ބިލް ރައީސް މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.
މި ގާނޫނުގެ ދަށުން އާބަން ސަރަހައްދުތަކާގުޅޭ ސިޔާސަތު ކަނޑައަޅާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިން ރައީސެވެ. މި ސިޔާސަތުތައް ތަންފީޒު ކުރާނީ ހައުސިންގ މިނިސްޓްރީންނެވެ.
މި ގާނޫނުގެ މައިގަނޑު މަގްސަދަކީ އާބަން ސަރަހައްދުތަކާއި، އެ ސަރަހައްދުތަކުގެ ޒޯނުތަކާއި ގިންތިތައް ކަނޑައެޅުމާއި، ތަރައްގީގެ މިންގަނޑުތައް އެކަށައެޅުމެވެ.
ގާނޫނަށް އަމަލުކުރަން ފަށާނީ ތަސްދީގުކުރާތާ 6 މަސްދުވަސް ފަހުންނެވެ. އަދި އެއާއެކު “އާބަން ޑިވެލޮޕްމަންޓް އޮތޯރިޓީ” އުފައްދަންޖެހޭނެއެވެ. މި އޮތޯރިޓީން މާސްޓަރ ޕްލޭން އެކުލަވާލައި، ތަރައްގީގެ ހުއްދަތައް ދޫކުރުމާއި މަޝްރޫޢުތައް ވިލަރެސްކުރާނެއެވެ.
ސަރުކާރުން މިހާރު ވަނީ އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތައް ކަނޑައަޅައިފަ އެވެ. އެއީ، ރ. އުނގޫފާރު، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދު އެވެ.

