ގަދަ ކަނޑު ހުރަސްކޮށް އޭދަފުށި ސަޕޯޓަރުން ޓީމަށް އޮތް ލޯބި ދައްކާލަނީ

ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގައި މިއަދު ހަވީރު މާލެ ސިޓީއާ ދެކޮޅަށް ކުޅޭ ސެމީ ފައިނަލް މެޗަށް އޭދަފުށިން ގިނަ އަދަދެއްގެ ސަޕޯޓަރުން މާލެ އަށް ދަތުރު ފަށައިފި އެވެ.

ވާދަވެރި މާލެއާ ދެކޮޅަށް އޭދަފުށި ނުކުންނަ މެޗަށް ސަޕޯޓް ކުރުމަށް ކައުންސިލުން ހުޅުވާލި ފުރުސަތުގައި ގިނަ ބަޔަކު ޓިކެޓް ބުކްކުރި އެވެ.

ސަޕޯޓަރުންނަށް ހާއްސަ ކޮށްފައިވާ ޔޫސުފް ސްޕީޑުގެ 60 މީހުން ޖާގައިގެ ލޯންޗެއް މިއަދު މެންދުރު މާލެ ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

“ގިނަ އަދަދެއްގެ ސަޕޯޓަރުން ޓިކެޓަށް އެދުނު. އެކަމަކު ސަޕޯޓަރުންގެ ރިކުއެސްޓާ އެއްގޮތަށް މި މޫސުމުގަ އެވަރަށް ދަތުރު ހަމަޖައްސަން އުނދަގޫވި. އެކަމަކުވެސް ގަދަ ކަނޑު ހުރަސްކޮށް ގިނަ އަދަދެއްގެ ސަޕޯޓަރުން މިއަދު މާލެ ގޮސް ޓީމަށް ތަރުހީބު ދޭނެ.” އޭދަފުށި ކައުންސިލުން ބުންޏެވެ.

އެކި ބޭނުންތަކަށް ޔޫސުފް ގްރޫޕުގެ އިތުރު ތިން ލޯންޗު އޭދަފުށިން މާލެ އަށް ދަތުރުކުރާނެ އެވެ. އެއީ ގާތްގަނޑަކަށް 240 މީހުންނެވެ.
މިއަދަކީ މުޅި ރާއްޖެ އަށް މޫސުން ގޯސް ކަނޑުތައް ގަދަ ދުވަހެކެވެ.

“މިއައީ ހަމަ ސީދާ ޓީމަށް ސަޕޯޓް ކުރަން. މޫސުން ވަރަށް ގޯސް. އެކަމަކުވެސް ރަށަށް އޮތް ލޯބި ދައްކާލަން މިއައީ” ދޮޅި ގަޑިއިރުގެ ދަތުރަކަށް ފަހު މާލެ އައި ސަޕޯޓަރަކު ބުންޏެވެ.

މެޗަށް ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނޑަށް ގޮސް ތަރުހީބު ދިނުމަށް ކައުންސިލުން އިލްތިމާސް ކުރެ އެވެ. އަދި، ޓީމުގެ މެނޭޖްމަންޓާއި ސީނިއާ ކުޅުންތެރިންވެސް ވަނީ މިއަދުގެ މެޗުގައި ސަޕޯޓަރުންގެ ތަރުހީބު ދެގުނަ ކޮށްދިނުމަށް އެދިފަ އެވެ.

“ކުރިން މެޗުތަކުގައި ސަޕޯޓަރުން ދެއްކި ތަފާތު މިއަދުވެސް ދައްކަން ބޭނުން. ސަޕޯޓަރުން ތިގޮތުގަ ތިބީޔާ ޓީމު އޮންނާނީ އެއް ރޫހެއްގައި” ޓީމުގެ ސީނިއާ ކުޅުންތެރިއަކު ބުންޏެވެ.

އޭދަފުށި ސެމީ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ސަޕޯޓަރުން ވަނީ ހިތްވަރާއި ޖޯޝާއެކު ޓީމަށް ތަރުހީބު ދީފަ އެވެ. މިއަދުގެ މެޗުގައި ވެސް ޓީމަށް ތަރުހީބު ދިނުމަށް ސަޕޯޓަރުން އަންނަނީ ތައްޔާރުވަމުންނެވެ.

އޭދަފުށި ސެމީ ފައިނަލަށް ދަތުރުކުރީ ކުއާޓާ ފައިނަލުގައި ޅ. ނައިފަރު 0-5 އިން ބަލިކޮށްގެންނެވެ. މާލެ އަށް ސެމީ ފައިނަލުގެ ޖާގަ ލިބުނީ ކ. ގުރައިދޫއާ ދެކޮޅަށް ކުޅެ ޕެނަލްޓީގައި ކުރި ހޯދައިގެންނެވެ.

އޭދަފުއްޓާއި މާލެ ކުޅޭ ސެމީ ފައިނަލް މެޗު ފަށާނީ މިއަދު ހަވީރު 3:50 ގަ އެވެ. ޓިކެޓް ވިއްކަން ފަށާނީ މެންދުރު ފަހު 2 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

1 ކޮމެންޓް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.