
އުރީދޫން ކޮންމެ އަހަރަކު ވެސް ބާއްވާ އެންމެ މަޖާ އަދި އެންމެ ބޮޑު ދުވުން ކަމަށްވާ ފަން ރަން 2024، ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ވާރޭ ވެހުނު ނަމަވެސް އިއްޔެ ހަވީރު ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަހައްދުން ފެށުނު މި ދުވުމުގައި 6،000 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވި އެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މި އަހަރުވެސް މަޖާ ކުޅިވަރުތަކާއެކު ބައިވެރިންގެ ހޫނު ތަރުހީބެއް ދުވުމަށް ލިބިފައިވެއެވެ.
މި އަހަރުގެ ފަން ރަންގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި އުރީދޫގެ އެމްޑީ އަދި ސީއީއޯ ހާލިދްއަލް ހަމާދީ އާއި އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދުވުމުގެ މަގުމަތީގައި ކޮންމެ ކިލޯމީޓަރަކުން ކުލަ ޖެހުމާއި އޮބްސްޓެކަލްސް ހުރަސްކުރުން އޮތްއިރު، ދުވުންތެރިންނަށް މަރުހަބާ ކިޔުމަށް ފަން ސްޓޭޝަންތައް ބެހެއްޓިފައި ހުއްޓެވެ. އަދި ދުވުން އިތުރަށް ފޯރިގަދަކުރުމަށް ފޯމް ޕާޓީއެއްވެސް ބޭއްވުނެވެ.

ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ދުވުން ޕްރޮމޯޓުކޮށް، އާއިލާއާއެކު މަޖާ ވަގުތުކޮޅެއް ހޭދަކުރުމުގެ މަޤްސަދުގައި އުރީދޫން ކޮންމެ އަހަރަކު ފަން ރަން ބާއްވަމުން ދެއެވެ. މި ދުވުން މާލެ ސަރަހައްދުން ބޭރުގައިވެސް ބާއްވާއިރު، އަންނަ އަހަރު ފުވައްމުލަކުގައި ފަން ރަން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދުވުމުގެ އުފާވެރި މަންޒަރުތައް ބައިވެރިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

