
ސަރުކާރުގެ މަގާމުތަކަށް މީހުން އައްޔަންކުރައްވަނީ ވައްކަމާއި ކޮރަޕްޝަނަށް ނޫން ކަމަށާއި، އެފަދަ ކަންކަމަށް ފުރުސަތު ނުދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ބޭރުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރެއްވުމުގައި ވިދާޅުވީ، ކޮރަޕްޝަނާއި ގަވާއިދާ ޚިލާފު ކަންކަން ހުއްޓުވުމުގައި ފަހަތަށް ނުޖެހޭނެ ކަމަށެވެ. އަދި އެކަންކަން ހުއްޓުވުމަށް މިހާތަނަށްވެސް ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.
“ސަރުކާރުގެ އެއްވެސް ތަނެއްގައި އަޅުގަނޑު ބޭނުމެއް ނޫން ގަވާއިދާ ޚިލާފު އެއްވެސް ކަމެއް ހިނގާކަށް. އަޅުގަނޑު މަގާމުތަކަށް މީހުން ލަނީ ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަށް” ރައީސް ވިދާޅުވިއެވެ.
ކޮރަޕްޝަނާއި ފަސާދައާ ދުރު ސަރުކާރެއް ޤާއިމްކުރުމަކީ އެމަނިކުފާނުގެ ވަޢުދެއް ކަމަށާއި، އެ ވަޢުދުގެ މަތީގައި ދެމިހުންނަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކުރީގެ ސަރުކާރުތަކުގައި ކޮރަޕްޝަންގެ މައްސަލަތަކުގައި ފިޔަވަޅު އަޅުއްވައި ދޫކޮށްލެއްވި ފަދައިން މި ސަރުކާރުން އެފަދަ ކަންކަން ނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ސަރުކާރު ކުންފުނިތަކުގެ ވެރިންނަށް އިންޒާރު
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ސީއީއޯއިންނާއި މެނޭޖިންގ ޑިރެކްޓަރުންނަށް ރައީސް މުއިއްޒު މިދިޔަ ހުކުރު ދުވަހު ވަރުގަދަ އިންޒާރެއް ދެއްވިއެވެ. މި އިންޒާރު ދެއްވާފައިވަނީ އެ ފަރާތްތަކުގެ ވަޓްސްއެޕް ގްރޫޕެއްގައި ކަމަށްވާއިރު، ވިދާޅުވެފައިވަނީ އެއްވެސް ބޭފުޅަކު ގަވާއިދާ ޚިލާފަށް ނުވަތަ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ކޮށްފިނަމަ، އަޅަންޖެހޭ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އެޗްޑީސީގެ މައްސަލަ: ބޯޑު މެންބަރުން ސަސްޕެންޑްކޮށް، 15 މުވައްޒަފަކު ވަކިކުރުން
ރައީސްގެ މި ބަސްފުޅުތައް މި އައީ އެޗްޑީސީގެ ބިންވެރިޔާ ސްކީމްގެ މައްސަލައިގައި އެ ކުންފުނީގެ ވެރިންނާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުއްވުމަށްފަހުގައެވެ. ބިންވެރިޔާ ސްކީމްގައި ނުހިމެނޭ ބަޔަކަށް ގޯތި ދިނުމުގެ މައްސަލައާއި ވިނަރެސް ފްލެޓް ދިނުމާ ގުޅޭ މައްސަލަތަކުގައި އެޗްޑީސީގެ ބޯޑުގެ ޗެއާމަން އަހުމަދު ނާސިފް (ޑީޑީ) ފިޔަވައި އެހެން ހުރިހާ މެންބަރުން ވަނީ ސަސްޕެންޑްކުރައްވާފައެވެ. އަދި 15 މުވައްޒަފަކު ވަޒީފާއިން ވަކިކުރައްވާފައިވެއެވެ.

މި މައްސަލަތަކުގެ ތަޙްޤީޤަށް ފުރުސަތު ދެއްވުމަށް ކަމަށް ވިދާޅުވެ، ގިނަ ތުހުމަތުތަކެއް އަމާޒުވެފައިވާ އެ ކުންފުނީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މަޤާމަށް ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މައުރޫފް ޖަމީލް ވަނީ އައްޔަންކުރައްވާފައެވެ.

