
ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ފައިނަލް މެޗު ބެލުމަށް މާލެ ދާން އޭދަފުށި ސަޕޯޓަރުންނަށް ހުޅުވާލި ހިލޭ ޖާގަތައް ހުސްވެ، އިތުރު ދަތުރުތައް ބާއްވައިދިނުމަށް ސަޕޯޓަރުން އެދެން ފަށައިފި އެވެ.
ގޯލްޑް ކަޕް ފައިނަލުގައި އޭދަފުއްޓާއި އައްޑޫ ސިޓީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ. އެ މެޗު ބެލުމަށް އޭދަފުށި ސަޕޯޓަރުން މާލެ ދިއުމަށް ފުރުސަތު ހުޅުވާލީ ރޭގަ އެވެ.
ސަޕޯޓަރުން ހިލޭ މާލެ ގެންގޮސްދިނުމަށް ފުރުސަތު ދިނީ އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި އޭދަފުށި ކައުންސިލްގެ އިތުރުން ޔޫސުފް ސްޕީޑް ގްރޫޕުންނެވެ. ހިލޭ ޖާގަތަކުގެ 330 ސަޕޯޓަރުން މާލެ ދާން 6 ލޯންޗު ވަނީ މިހާރުވެސް ފުލްވެފަ އެވެ.
ލޯންޗުތައް ކުޑަ ހިނދުކޮޅެއްތެރޭ ފުލްވުމުން ވެއިޓިން ލިސްޓުގައި އެތައް ބަޔަކު މިހާރު އެބަތިއްބެވެ.
“ލޯންޗުތައް ފުލްވެ މިއުޅެނީ ޓިކެޓެއް ނުލިބިގެން. ފައިނަލް މެޗު ބަލަން ދާން އަދިވެސް އެތައް ބަޔަކު ބޭނުންވޭ. ވަރަށް ބޭނުން އިތުރު ދަތުރުތަކެއް ހަމަޖެހިގެން ދިއުން. ސަޕޯޓަރުން އާދޭހާއެކު މި އެދެނީ ކޮންމެވެސް ގޮތެއް ހޯދައިދިނުމަށް” ޓިކެޓް ކިއޫގައި ޖެހި މާލެ ދެވޭނެ ގޮތެއް ނުލިބުނު ސަޕޯޓަރަކު ބުންޏެވެ.
އޭދަފުށި ކައުންސިލުން ބުނީ މާލެ ދިއުމުގެ ފުރުސަތު ހުޅުވާލުމާއެކު ގިނަ އަދަދެއްގެ ބަޔަކު ޓިކެޓަށް އެދެމުން ދިޔަ ކަމަށެވެ. ހުރިހާ ސަޕޯޓަރުންނަށް ޖާގަ ނުލިބުމުން ވެއިޓިން ލިސްޓުގައި މިހާރު ގިނަ ބަޔަކު ތިބި ކަމަށް ކައުންސިލުން ވަނީ ބުނެފަ އެވެ.
“ގިނަ ބަޔަކު ދަނީ ޖާގަތަކަށް އެދެމުން. ކައުންސިލުން މި ދަނީ ސަޕޯޓަރުން މާލެ ގެންދެވޭނެ އިތުރު ގޮތްތަކެއް އޮތްތޯ ބަލަމުން” އޭދަފުށީ ކައުންސިލުން ބުންޏެވެ.
އޭދަފުއްޓާއި އައްޑޫ ވާދަކުރާ ފައިނަލް މެޗުގެ ޓިކެޓް މިއަދު ހަވީރު 4 ޖަހާއިރު ވިއްކަން ފަށާނެ އެވެ. ނައިންޓީ ޕްލަސް އިން ބުނީ ފައިނަލް މެޗުގައި ކޮންމެ މީހަކަށް ވިއްކާނީ 5 ޓިކެޓް ކަމަށެވެ. ޓިކެޓްގެ އަގު ސިޑިބަރިން އުޅެނީ 30 ރުފިޔާ އަށެވެ. ގޮނޑިބަރިން 50 ރުފިޔާ އަށެވެ.
ފައިނަލް މެޗުގައި އޭދަފުށީ ސަޕޯޓަރުންނަށް ހާއްސަކޮށްފައިވަނީ މަޖީދީމަގު / އޮލިމްޕަސް ފަޅި އެވެ. މެޗުގައި އޭދަފުށި ޓީމު ބޭނުންކުރާނީ ރަތް ޖާޒީ އެވެ.
އޭދަފުއްޓާއި އައްޑޫ ސިޓީ ވާދަކުރާ ފައިނަލް މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.

