
ރާއްޖޭގެ އެންމެ ބޮޑު ގޭމިން ފެސްޓިވަލް “އުރީދޫ ނޭޝަން ގޭމާސް ލޭންޑް 2024” އަންނަ އަހަރުގެ ފެބްރުއަރީ މަހު ބާއްވަން ނިންމައިފި އެވެ.
ފެބްރުއަރީ 21، 22 ގައި ބާއްވާ މި ފެސްޓިވަލްގައި މި އަހަރުގެ “އުރީދޫ ނޭޝަން” ގެ ކޮންޓެންޑާ ސީރީޒްތަކުގެ ޗެމްޕިއަންކަން ހޯދި އެންމެ މޮޅު ގޭމަރުންނާއި ޓީމުތަކުން އެއް ލައްކަ ރުފިޔާގެ އިނާމަށް ވާދަކުރާނެ އެވެ.
އަލްޓިމޭޓް ގޭމިން ފެސްޓިވަލްގައި ވާދަކުރާނީ ޕަބްޖީ މޮބައިލް، އީއޭއެފްސީ، އަދި މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް ޗެމްޕިއަންޝިޕްތަކުގަ އެވެ.
ފެސްޓިވަލްގައި “އުރީދޫ ނޭޝަން ގޭމާސް ލޭންޑް އެވޯޑް 2024” ގެ “އަލްޓިމޭޓް ޕްލޭޔާ އޮފް ދަ އިޔާ”ގެ އެވޯޑު މި އަހަރުގެ މުބާރާތްތަކުގައި އެންމެ މޮޅު ކުޅުމަކާއި ހުނަރު ދެއްކި ގޭމަރަށް ދޭނެ އެވެ. މި އެވޯޑު ދިނުމަށް ކުޅުންތެރިން އިވެލުއޭޓް ކުރާނީ އުރީދޫ ނޭޝަންގެ ފަނޑިޔާރުންގެ ޕެނަލާއި އާންމުންގެ ވޯޓުންނެވެ.
މިއީ މިދިޔަ އަހަރު ފުރަތަމަ ފެށި ފެސްޓިވަލަށް ލިބުނު ބޮޑު ތަރުހީބާ އެކު މި އަހަރުގެ ތެރޭގައި ބޭއްވި އެކި ގޭމިން މުބާރާތްތަކުގެ ފަހުގެ ފެސްޓިވަލެވެ.
އުރީދޫ ނޭޝަން އަކީ ގޭމިން ކުރިއަރުވައި، އީ-ސްޕޯޓްސްގެ ފުރުސަތުތައް ގައުމީ އަދި ބައިނަލްއަގްވާމީ ފެންވަރުގައި ހޯދައިދިނުމުގެ ގޮތުން އުރީދޫން ތައާރަފް ކުރި ޕްލެޓްފޯމެކެވެ.
