
ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް، އޭ330 މަތިންދާބޯޓު މިއަދު ރާއްޖެ ގެެނެސްފި އެވެ.
ވައިޑް-ބޮޑީ އެއާކްރާފްޓު ގެނެސް، މޯލްޑިވިއަން އެއާލައިންގެ ހިދުމަތް ފުޅާކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ.
ބޯޓު ސިންގަޕޫރުން މާލެ ގެނައީ ދިވެހި ޕައިލެޓުން ކަމަށްވާ ކެޕްޓަން ހުނައިނާއި ކެޕްޓަން މައުމޫނެވެ. ފަސްޓް އޮފިސަރަކަށް ހުރީ ގަތަރު އެއާވޭސްގައި މަސައްކަތްކުރައްވާ، 21 އަހަރުގެ ތަޖުރިބާކާރު ކެޕްޓަން މުހައްމަދު ތޮއްލަތު އަންވަރެވެ. އިންޖިނިއަރަކީ އަހުމަދު ޝިއުޒެވެ. ކްރޫއިންގެ ގޮތުގައި ވެސް ތިބީ ދިވެހިންނެވެ.
ބޯޓު ޖެއްސުމުގެ ކުރިން ބޭއްވި އެއާ ޝޯގައި އެއާބަސް އޭ330 އާއި އޭޓީއާރު ހަތަރު ބޯޓާއި ދެ ސީޕްލޭން ބައިވެރިވިއެވެ. މާލެ އާއި ހުޅުމާލެ ސަރަހައްދުގައި ކުރި މި ދަތުރުގައި، ބޯޓުތައް އެތައް ފަހަރަކު ބުރުޖަހާލިއެވެ.
260 މީހުންގެ ޖާގައިގެ މި ބޯޓުގައި ބިޒްނަސް، ޕްރިމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ހިމެނެއެވެ. 10 ޓަނުގެ ކާގޯ އުފުލޭ މި ބޯޓަކީ ދިގު ދަތުރުތައް ކުރުމުގެ ގާބިލުކަން ހުރި ބޯޓެކެވެ. މި ބޯޓުން ޗައިނާގެ ބެއިޖިން، ޝެންހާއީ އަދި ޗެންގްޑޫއަށް ދަތުރުތައް ކުރާނެއެވެ.

މިހާރު މޯލްޑިވިއަންގެ ފްލީޓުގައި 25 ބޯޓު ހިމެނެއެވެ. އޭގެ ތެރޭގައި އެއާބަސް އޭ330 އަދި އޭ320 ގެ އިތުރުން، އަށް ޑޭޝް ބޯޓާއި ހަތަރު އޭޓީއާރު ބޯޓާއި 11 ސީޕްލޭން ހިމެނެއެވެ.
2000 ވަނަ އަހަރު ޑޯނިއާ 228 އާއި ޑޭޝް-8 މަރުކާގެ ދެ ބޯޓާ އެކު ފެށި މޯލްޑިވިއަން މިހާރު 29 މަންޒިލަކަށް ދަތުރުކުރެއެވެ. ވޭތުވެދިޔަ އަހަރު 50،000 ފްލައިޓް އޮޕަރޭޓްކޮށް، އެއް މިލިއަން ފަސިންޖަރުން އުފުލާފައިވެއެވެ.

