
ބ. އަތޮޅު ކައުންސިލުން 2025 ވަނަ އަހަރަށް 29.4 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
މި ބަޖެޓު ފާސްކޮށްފައިވަނީ މިއަދު ހެނދުނު ބޭއްވުނު އަތޮޅު ކައުންސިލުގެ ރަސްމީ ބައްދަލުވުމުގައި، ބައްދަލުވުމަށް ވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓު އެކުލެވިގެންވަނީ ދައުލަތުގެ ބްލޮކް ގްރާންޓުގެ ގޮތުގައި 9 މިލިއަން ރުފިޔާއާއި، ތިންވަނަ ފަރާތްތަކުން ލިބޭ ފައިސާގެ ގޮތުގައި 8 މިލިއަން ރުފިޔާ އަދި ކައުންސިލުގެ އަމިއްލަ އާމްދަނީގެ ގޮތުގައި 11 މިލިއަން ރުފިޔާގެ މައްޗަށެވެ. މީގެ އިތުރުން، ދައުލަތުގެ ގްރާންޓުން ލިބޭ ފައިސާގެ 5 ޕަސެންޓަށްވާ 584،898.91 ރުފިޔާ ވަނީ ރިޒާވްގެ ގޮތުގައި ބެހެއްޓުމަށް ކަނޑައަޅާފައެވެ.
2025 ވަނަ އަހަރުގެ ބަޖެޓަކީ މިދިޔަ އަހަރުގެ ބަޖެޓަށްވުރެ ކުޑަ އަދަދެކެވެ. އެގޮތުން 2024 ވަނަ އަހަރަށް ބ. އަތޮޅު ކައުންސިލުން ފާސްކޮށްފައިވަނީ 31.9 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

