
އުރީދޫ މޯލްޑިވްސްގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ދޯހާ މެރެތަންގައި ބައިވެރިވުމަށް ބޭއްވި ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން އެ މެރެތަންގައި ބައިވެރިވުމަށް ދޯހާއަށް ފުރައިފި އެވެ.
މި މެރެތަންގައި ބައިވެރިވުމަށް އެދޭ ފަރާތްތައް ހޯދުމަށް އުރީދޫއިން ލަކީ ޑްރޯއެއް ހުޅުވާލީ މިދިޔަ އޮކްޓޫބަރު މަހުގެ ފަހުކޮޅުގައެވެ.
މި ލަކީ ޑްރޯއިން ހޮވުނީ މުހައްމަދު އަޒުހަދު އަހުމަދު އަދި ތާރިގު މުހައްމަދު ރަޝީދެވެ. މީގެ އިތުރުން، އުރީދޫގެ މުވައްޒަފުންގެ މެދުގައި ނެގި ލަކީ ޑްރޯއިން ހޮވުނު ހަމްޒީނާ ފުއާދު އަދި ހުސައިން ފަރާޒު މުހައްމަދު ވެސް ވަނީ ފުރައިފައެވެ.
ދުނިޔޭގެ ދުވުމުގެ ރަންވަނަ ހޯދާފައިވާ ދޯހާ މެރެތަންގައި، މިއަހަރު ދުނިޔޭގެ އެކި ހިސާބުތަކުން 15،000 އަށްވުރެ ގިނަ ދުވުންތެރިން ބައިވެރިވާނެއެވެ. މި މެރެތަންގައި ބައިވެރިވެ ދުވުމުން، ދުނިޔޭގެ މަގުބޫލު އެހެން މެރެތަންތަކުގައި ބައިވެރިވުމުގެ ފުރުސަތު ދުވުންތެރިންނަށް ލިބިގެންދާނެއެވެ.

