
ފަތުރުވެރިކަމުގެ ދާއިރާގައި ކެރިއަރެއް ފަށަން ބޭނުންވާ ދިވެހި ޒުވާނުންނަށް ހާއްސަކޮށްގެން، ފޯ ސީޒަންސް މޯލްޑިވްސް އިން އަންނަ އަހަރުގެ ހޮސްޕިޓަލިޓީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރުން އެކްރެޑިޓްކޮށްފައިވާ މި ޕްރޮގްރާމަކީ ދިވެހި ޒުވާނުންނަށް ހޮޓާ ދާއިރާގައި ކުރިއަށް ދިއުމުގެ ފުރަތަމަ ފިޔަވަޅު އަޅައިދިނުމަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ 2025 މެއި 3 އިން 2026 މެއި 2 އަށެވެ.
ރިސޯޓުން ބުނީ މި އަހަރުގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް 16 އަހަރާއި 20 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ކުރިމަތިލެވޭނެ ކަމަށެވެ. އަދި ޕްރޮގްރާމާ ބެހޭ މަޢުލޫމާތު ދިނުމަށާއި ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުތައް ބޭއްވުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސެޝަންތަކެއް ބާއްވާނެ ކަމަށް ރިސޯޓުން ބުންޏެވެ.
އިންޓަވިއު ސެޝަންތައް ފެށޭނީ ކ. ހުރާގައި ފެބްރުއަރީ 2 ވަނަ ދުވަހުއެވެ. އެއަށްފަހު:
– ރ. ދުވާފަރުގައި ފެބްރުއަރީ 4 ގައި
– ނ. ވެލިދޫގައި ފެބްރުއަރީ 6 ގައި
– ކ. މާލޭގައި ފެބްރުއަރީ 8 ގައި (ފުރަތަމަ ބުރު)
– ބ. އޭދަފުށީގައި ފެބްރުއަރީ 9 ގައި
– ޅ. ނައިފަރުގައި ފެބްރުއަރީ 11 ގައި
– ހއ. ދިއްދޫގައި ފެބްރުއަރީ 15 ގައި
– ހދ. ކުޅުދުއްފުށީގައި ފެބްރުއަރީ 16 ގައި
– ގއ. ވިލިނގިލީގައި ފެބްރުއަރީ 22 ގައި
– ސ. ހިތަދޫގައި ފެބްރުއަރީ 23 ގައި
– ގދ. ތިނަދޫގައި އޭޕްރީލް 6 ގައި
– ލ. މާވަށުގައި އޭޕްރީލް 11 ގައި
– ލ. ފޮނަދޫގައި އޭޕްރީލް 12 ގައި
– ކ. މާލޭގައި އޭޕްރީލް 13 ގައި (ދެވަނަ ބުރު) ސެޝަންތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު ހޯދުމަށް 6644888 ނުވަތަ 6600888 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް ފޯ ސީޒަންސް އިން އެދެއެވެ.

