
ބ. އޭދަފުށިގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް، ރޯދަ ހަދިޔާގެ ގޮތުގައި މިއަހަރު ވެސް 30 ކާށި ދިނުމަށް މި ރަށު ކައުންސިލުން ނިންމައިފި އެވެ.
ކައުންސިލުން ބުނީ، އަންނަ މާޗު މަހު ފަށާ މިއަހަރުގެ ރޯދަމަހަށް މިފަހަރު ރޯދަ ހަދިޔާގެ ގޮތުގައި 30 ކާށި ދިނުމަށް ނިންމާފައިވަނީ އޭދަފުށީގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކުގެ އިތުރުން ކުނި އުކާލުމުގައި ރަޖިސްޓްރީ ކޮށްފައިވާ ބިދޭސީ ފަރާތްތަކެވެ. މިރަށުގައި 500 އަށްވުރެ ގިނަ ގޭގައި މީހުން ދިރިއުޅެ އެވެ. އަދި ގިނަ އަދަދެއްގެ ބިދޭސީންވެސް ދިރިއުޅެ އެވެ.
ކައުންސިލުން ބުނީ މިއަދު ހަވީރުން ފެށިގެން އެކި ސަރަހައްދުތަކަށް ބަހާލައިގެން ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދުކުރަން ފަށާނެ ކަމަށެވެ.
ކައުންސިލުން ކަނޑައަޅާފައި ވަނީ ރޯދަމަސް ފެށުމުގެ ކުރިން ހުރިހާ ގެއަކަށް ކާށި ބަހައި ނިންމުމަށެވެ.
އޭދަފުށީ ކައުންސިލުން ރައްޔިތުންނަށް ދިނުމަށް ކާށި ހޯދަނީ އޭދަފުއްޓާއި ޖެހިގެން ދެކުނުން އޮންނަ މާއްޑޫންނެވެ.
ރޯދައަށް ޚާއްސަކޮށް ރަށު ކައުންސިލުން ރޯދަ ހަދިޔާގެ ގޮތުގައި ކާށި ދިން ނަމަވެސް އާއްމު މަސްމަހުގައި ވެސް އޭދަފުށީ ރައްޔިތުންނަށް ބޭނުންވާ ވަރަށް މާއްޑުން ކާށި ހޮވައިގެން ގެނެސް ހެޔޮ އަގެއްގައި ވިއްކަމުން ގެންދެ އެވެ.

