
ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލް ފެބްރުއަރީ 12 އިން 14 އަށް ބޭއްވުމަށް ތައްޔާރުވެއްޖެ އެވެ.
ރާއްޖޭގައި މުޅިން އަލަށް ބާއްވާ މި ބައިނަލްއަޤުވާމީ ފެސްޓިވަލްގައި، ބޭރުގެ އާޓިސްޓުންނާއި ބޮޑެތި މިއުޒިކް ބޭންޑްތައް ވެސް ބައިވެރިވާނެއެވެ.
ފެސްޓިވަލްގައި ދިވެހިރާއްޖޭގެ ޖަޒީރާ ރީތިކަމާއި ދިރިއުޅުމުގެ ހިތްގައިމު މަންޒަރުތަކާއި، ސަގާފަތާއި ފަންނުވެރިކަން ދައްކުވައިދޭ ހުށަހެޅުންތަކުގެ އިތުރުން، ބައިނަލްއަޤްވާމީ ފަންނާނުންގެ ހުށަހެޅުންތައް ވެސް ފެނިގެންދާނެއެވެ.
ފެސްޓިވަލްގައި ބައިވެރިވާ ބޭރުގެ ފަންނާނުންގެ ތެރޭގައި ސްރީލަންކާގެ “ދަ ސޯލް”، މެލޭޝިއާގެ “ރެނީ” އާއި “ޕްލޭން ޑީ”، “ޕެސެންޖަރ ސީޓް”، “އެޑްވިން”، އޮސްޓްރޭލިއާގެ “ޖެމީ ވިލްސަން” އަދި ހަންގޭރީގެ “ހެލްގާ” ހިމެނެއެވެ.
ފެސްޓިވަލްގައި ދިވެހި އާޓިސްޓުންގެ ގޮތުގައި މަޝްހޫރު “ސިމްބޮލިކް ރިކޯޑްސް”، “ސްކައި-ރޮކް”، “ފަސީ ލައިވް”، “ޑީޖޭ ޕައި ޑެ”، “ދަ ކަބަންސް” އަދި “ޑީކޭ ޑީޑް” ހިމެނެއެވެ. އަދި ސަގާފީ ހުށަހެޅުންތަކުގެ ގޮތުގައި ކަމަދޫ ބޮޑުބެރު ގުރޫޕާއި، ކަމަދޫ ބަނޑިޔާގެ އަދި ކަމަދޫ މާފަތިގެ ބައިވެރިވެއެވެ.
ފެސްޓިވަލްގެ ތެރޭގައި އެކި ވޯކްޝޮޕްތަކާއި، ބީޗް ކުޅިވަރުތަކާއި ސަގާފީ ހަރަކާތްތައް ކުރިޔަށް ގެންދާނެއެވެ.
މި ފެސްޓިވަލުގެ އެއް ދުވަހުގެ ޓިކެޓް -/465 ރުފިޔާ އަދި ތިން ދުވަހުގެ ޕާސް -/1،235 ރުފިޔާއަށް ލިބެން ހުންނާނެއެވެ. މި ޕާސްތަކުގައި ފެސްޓިވަލް ގްރައުންޑް އެކްސެސްއާއި، މިއުޒިކް އަދި ކަލިނަރީ ވޯކްޝޮޕްތަކުގެ އިތުރުން ލޯކަލް ކަޒީން ލަންޗް ބުފޭ ހިމެނެއެވެ.
ކަމަދޫ ކައުންސިލުން ބުނީ، ކަމަދޫ އައިލެންޑް މިއުޒިކް ފެސްޓިވަލް ވެގެން ދާނީ ހަނދާނުން ނައްތާނުލެވޭ ފަދަ ތަޖުރިބާއަކަށް ކަމަށެވެ.
ޓިކެޓް ބުކް ކުރުމަށް ގުޅޭނެ ނަންބަރުތައް: 7987792، 7987793، 7987794

