
ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ “ރަށު އެކްސްޕޯ”ގެ ބޭންކިން ޕާޓްނަރެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ސޮއި ކޮށްފި އެވެ.
ބީއެމްއެލްގެ ޗީފް ބިޒްނަސް އޮފިސަރު މޫސާ ނިމާލް ވިދާޅުވެފައިވަނީ ގިނަ ރައްޔިތުންނާ ގުޅުންހުރި މިފަދަ އެކްސްޕޯއެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ބޭންކަށް ލިބޭ ފަހުރެއް ކަމުގައެވެ. އަދި މިއީ ވިޔަފާރިތަކާއި އާންމުން ގުޅުވައިދޭނެ މުހިންމު އެކްސްޕޯއަކަށް ވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
އެކްސްޕޯ އިންތިޒާމުކުރާ ދަ ޓްރެވަލް ގައިޑްސްގެ ޑިރެކްޓަރު ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ބޭންކިން ޚިދުމަތް ދޭ ކުންފުނިން އެކްސްޕޯގައި ބައިވެރިވުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އަހައްމިއްޔަތުކަން ހާމަވެގެންދާ ކަމެކެވެ. އަދި މިއީ އެކްސްޕޯއަށް ލިބޭ އިތުރު ކުރިއެރުމެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަހުގެ 13 އިން 15 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ރަށު އެކްސްޕޯ”ގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލްތަކެއް ހުންނާނެއެވެ.

