
ލޯކަލް ގަވަރމަންޓް އޮތޯރިޓީއާއި، ޔޫ.އެން.ޑީ.ޕީ އަދި މާޅޮސްމަޑުލު ދެކުނުބުރީ އަތޮޅު ކައުންސިލް ގުޅިގެން އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުމުގެ ތަމްރީން ޕްރޮގްރާމެއް އިއްޔެ އޭދަފުށީގައި ފަށައިފިއެވެ.
ބ. އަތޮޅުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުންނާއި ކައުންސިލްތަކުގެ އަންހެން މެންބަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ރަފީޤް ބައިވެރިވެ ވަޑައިގަންނަވައެވެ.
މިހާރުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، ޚާއްޞަކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ރޯދަ ޢިނާޔަތާއި، ވިހެއުމުގެ ޗުއްޓީ އަދި ބޭންކުތަކުން ފަސޭހައިން ލޯނު ލިބޭނެ ގޮތް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައި، ޤާނޫނުތަކަށް ބަދަލު ގެނައުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.

