
ބަޔޮސްފިއާ ރިޒާވްގެ ދަށުން ހިމާޔަތް ކޮށްފައިވާ ބ. މެންދޫ ސަރަހައްދު ރައްކާތެރިކަމާއެކު ހިމާޔަތްކޮށް ބެލެހެއްޓުމަށް ގާއިމުކުރާ ސާވެއިލަންސް ސިސްޓަމްގެ ތަމްރީން ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
އޯޝަން ކަންޓްރީ ޕާޓްނަރޝިޕް ޕްރޮގްރާމް (އޯސީޕީޕީ) ގްރާންޓްގެ ދަށުން، މެންދޫ ސާވެއިލަންސް ސިސްޓަމްގެ އޮޕަރޭޝަންތަކުގެ ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ފެބްރުއަރީ 2 އިން 6 އަށް އޭދަފުށީގައެވެ.
މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ޔޫކޭގެ ސިރިއަސް އިންސައިޓްގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން، ބ. އަތޮޅު ބަޔޯސްފިއަރ ރިޒާވް އޮފީސް، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، އަދި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ މުވައްޒަފުންގެ ބައިވެރިވުމާއެކުގައެވެ.
މިއީ ދިވެހިރާއްޖޭގައި ތިމާވެށި މޮނިޓަރކުރުމަށް މި ޓެކްނޮލޮޖީ ބޭނުންކުރެވޭ ފުރަތަމަ ފަހަރެވެ.
މި މަޝްރޫޢުގެ ސަބަބުން ސާވެއިލަންސް ޤާބިލިއްޔަތު އިތުރުވެ، ބ. އަތޮޅު ބަޔޯސްފިއާ ރިޒާވް ޙިމާޔަތްކުރުމުގެ މަސައްކަތް ހަރުދަނާވެ، އަދި ސަރަޙައްދުގެ ދިގު މުއްދަތުގެ ތިމާވެށި ރައްކާތެރިކުރުމަށް އެހީތެރިވެދޭނެއެވެ.
މެންދޫ ސަރަހައްދުގައި ހިމެނެނީ ބ. އަތޮޅު މެންދޫ އާއި މެންދޫ ވަށައިގެންވާ ފަރު، ބ. އަތޮޅު މެންދޫ ބިންމަތީފަރު، ބ. އަތޮޅު ކަނބުރުފަރު އަދި ބ. އަތޮޅު ނިބިލިގާ (ފިނޮޅު) އާއި ނިބިލިގާ ވަށައިގެންވާ ފަރާއި އަދި މި ރަށްތަކުގެ ފަރުގެ ނުވަތަ މި ފަރުތަކުގެ އުރަފަށުން ފެށިގެން 111 މީޓަރގެ ސަރަހައްދެކެވެ.
މި ސަރަޙައްދަކީ ޔުނެސްކޯ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ކޯއޭރިއާ ގެ ގޮތުގައިވެސް ހިމެނޭ ސަރަޙައްދެކެވެ. މެންދޫ ސަރަޙައްދަކީ ދިރޭތަކެތީގެ ނަސްލުތަކުން މުއްސަނދި ފަރުތަކަކާއި، ޙިމާޔަތްކޮށްފައިވާ ދޫނި އަދި ވެލާ ބިސްއަޅާ އާލާވާ ސަރަޙައްދެކެވެ.
މެންދޫ ސަރަހައްދަކީ 2011 ވަނަ އަހަރު ޖޫން މަހު ސަރުކާރުން ހިމާޔަތްކޮށްފައިވާ ސަރަހައްދެކެވެ.

