
ރާއްޖޭގެ ރަށްރަށުގެ ޚާއްސަ ސިފަތަކާއި މައުލޫމާތު ފެންނަން ހުންނަ ގޮތަށް، ކޮންމެ ރަށެއްގެ ޕްރޮފައިލެއް ތައްޔާރުކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަމަންޓް އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ރަށްރަށުގެ ތަފާތުތަކާއި ޚާއްޞަ ސިފަތައް ބަލާލުމަށް ވަރަށް ގިނަބަޔަކު ޝައުޤުވެރިކަން ފާޅުކުރާ ކަމަށެވެ.
“ދިވެހިރާއްޖޭގެ ކޮންމެ ރަށަކީ ތަފާތު ރަށެއް. އާދަކާދަ ތަފާތު، ވާހަކަދައްކާ ރާގު ތަފާތު. ހުންނަ ވަސީލަތްތައް ތަފާތު. މި ހުރިހާ ކަމަކާ އެކީގައި ރާއްޖޭގެ ވަރަށް ގިނަ ބަޔަކު ދެކިލަން ބޭނުންވޭ، ފެންނަން ބޭނުންވޭ ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި ތަފާތު,” މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްރަށުގެ ޔުނީކް ނުވަތަ ޚާއްޞަ ސިފަތައް ދެނެގަނެވޭނެ ގޮތެއް ހެދުމާއި، އެ މަޢުލޫމާތުތައް އެއްތަނަކުން ބެލޭނެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި މި މަސައްކަތް ކުރިއަށްގެންދާ ކަމަށެވެ.
ކޮންމެ ރަށެއްގެ ޕްރޮފައިލް ތައްޔާރުކުރުމަކީ ވަރަށް ގިނަ ވަގުތު ހޭދަވާނެ މަސައްކަތެއް ކަމަށް ފާހަގަކުރައްވަމުން، އެ މަސައްކަތް ކުރާނެ ގޮތެއް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރިއަށްދާ ކަމަށް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.

