ފީނައިގެން ދުނިޔޭގެ ރެކޯޑް ހެދުމުގެ އިވެންޓުގެ ޓްރެވަލް މީޑިޔާ ޕާޓްނަރަކަށް ޓްރެވެލޫޝަން

މި އަހަރުގެ ދުނިޔޭގެ ޓޫރިޒަމް ދުވަސް ފާހަގަކުރުމަށް ބ. އަތޮޅުގައި ފީނައިގެން ދުނިޔޭގެ ރެކޯޑެއް ހެދުމަށް ބާއްވާ އިވެންޓްގެ ޓްރެވަލް މީޑިޔާ ޕާޓްނަރަކަށް މާކެޓިން އެންޑް ޕީއާރު ފާމް، “ދަ ޓްރެވަލް ގާއިޒް” ގެ ޓޫރިޒަމަށް ހާއްސަ ބައިނަލް އަގުވާމީ މެގަޒިން “ޓްރެވެލޫޝަން” ހަމަޖައްސައިފި އެވެ.

އަންނަ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހު ބާއްވަން ތައްޔާރުވަމުން އަންނަ މި އިވެންޓަކީ  ބ. އަތޮޅު ކައުންސިލުން ފްރީޑައިވް މޯލްޑިވްސްއާ ގުޅިގެން ބާއްވާ ވޯލްޑް ރެކޯޑް އިވެންޓެވެ.

މި އިވެންޓްގެ ޓްރެވަލް މީޑިޔާ ޕާޓްނަރަކަށް ޓްރެވެލޫޝަން ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި އެ މެގަޒިންގެ ފަރާތުން ސޮއިކުރީ ޓްރެވެލޫޝަންގެ ޑައިރެކްޓަ އަދި މެނޭޖިން އެޑިޓަރ ޖީލު އަލީ އެވެ. އަދި ފްރީޑައިވްގެ ފަރާތުން ސޮއިކުރެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް އަހްމަދު އަފްރާހު އެވެ.

“ބާނި” ގެ ނަމުގައި ކުރިއަށް ގެންދާ އެ ހަރަކާތް އޮންނާނީ އެ އަތޮޅު އަނގަފަރު ސަރަހައްދުގަ އެވެ. އެތަނަށް އެއް ފަހަރާ ހާހަކަށް ވުރެ ގިނަ މީހުން ޖަމާވެ، ފީނައިގެން ގިނީސް ވޯލްޑް ރެކޯޑުން ޖާގަ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި ހަރަކާތުގައި ބ. އަތޮޅުގެ ރައްޔިތުންނާއި މި އަތޮޅުގެ ރިސޯޓުތަކުގެ އިތުރުން މުޅި ރާއްޖެއަށް ހުޅުވާލަން ވަނީ ނިންމައިފަ އެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި އެ ހަރަކާތުގެ ބޭނުމަކީ ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް މީހުން ހޭލުންތެރިކޮށް، އެ އަތޮޅަކީ ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް އިޝްތިހާރުކުރުމެވެ.

ބ. އަތޮޅު ކައުންސިލުން ބުނި ގޮތުގައި މި ހަރަކާތް ވެގެންދާނީ އަތޮޅު ފެންވަރުގައި ބާއްވާ އެންމެ ބޮޑު ހަރަކާތަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.