ޖެނުއަރީގެ ކުރިން ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ އަށް

ދިރާސީ އާ އަހަރުގެ ކިޔެވުން އަންނަ ޖެނުއަރީ މަހު ފެށުމުގެ ކުރިން، ރާއްޖޭގެ ހުރިހާ ސްކޫލެއް އޭސީކޮށް ނިންމަން ފެނަކަ ކޯޕަރޭޝަނާ މިއަދު ހަވާލުކޮށްފި އެވެ.

ސަރުކާރު ހުރިހާ ސްކޫލެއްގެ ކްލާސްރޫމުތަކާއި ހޯލްތައް ދެ އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި “ކޫލް ސްކޫލް” ޕްރޮޖެކްޓެއް އިފްތިތާހު ކުރީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

އެ ޕްރޮޖެކްޓުގެ ދަށުން ސްކޫލުތަކުގައި އޭސީ ހަރުކުރަން ފެނަކައާ އެކު މިއަދު ވަނީ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. ސްކޫލްތަކަށް ބޭނުންވާ އޭސީތައް ހޯދައި މި ޕްރޮޖެކްޓް ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 54 މިލިއަން ރުފިޔާ އަށެވެ.

އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި އެ ރަސްމިއްޔާތުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. ފެނަކައިގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް އެޑިއުކޭޝަން މިނިސްޓަރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އިސްމާއިލް ވިދާޅުވީ ރާއްޖޭގެ ހޫނުމިން ބައެއް ދުވަސްތަކުގައި 40 ޑިގްރީން މައްޗަށް އަރާއިރު، 30 ކުދިން ތިބޭ ކްލާހެއް ނަމަވެސް ދަރިވަރުންނަށް ވަރަށް އުނދަގޫތަކަކާ ކުރިމަތިވާނެ ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ދަރިވަރުންނަށް ވީހާވެސް ރަނގަޅު މާހައުލެއްގައި ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމަށްކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ ސަރުކާރު ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫމްތަކާއި ހޯލްތައް 2 އަހަރުގެ ތެރޭގައި އޭސީ ކުރަން ނިންމައި “ކޫލް ސްކޫލް” ޕްރޮޖެކްޓް އިފްތިތާހްކުރީ މިދިޔަ އަހަރުގެ ޖޫން މަހުއެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.