
ބ. އޭދަފުށީ ހިއްކި ސަރަހައްދުން ދޫކުރާ ބަންޑާރަ ގޯތިތައް ލިބޭ މީހުންގެ މެދުގައި ގޯތިތައް ތަރުތީބުކުރަން ގުރު ނެގުން އަންނަ އަންގާރަ ދުވަހު ބާއްވާ ގޮތަށް އޭދަފުށީ ކައުންސިލުން ހަމަޖައްސައިފި އެވެ.
އޭދަފުށީ ކައުންސިލުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ގޯތި ލިބޭ މީހުންގެ މެދުގައި ގުރު ނެގުން، އޮންނާނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00 ގައި އޭދަފުށީ ޓާފް ދަނޑުގައި ބާއްވަން ނިންމާފައިވާ ކަމަށެވެ.
އަދި އެ ގަޑިއަށް ހާޒިރުވެވެން ނެތް ފަރާތްތަކުން ބަދަލުގައި ފޮނުވާ ފަރާތުގެ މައުލޫމާތު އަންނަ އާދީއްތަ ދުވަހުގެ 1:00ގެ ކުރިން ކައުންސިލު އިދާރާއަށް އެންގުމަށް އޭދަފުށި ކައުންސިލުން އެދެއެވެ.
އޭދަފުށީ ހިއްކި ބިމުން ދޫކުރަން ނިންމާފައިވަނީ 1200 އަކަފޫޓްގެ 183 ގޯއްޗެވެ.
އޭދަފުއްޓަށް މި ވަގުތު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަމެވެ. ގޯތި ދޫނުކުރާތާ 30 އަހަރަށްވުރެ ގިނަދުވަސް ވެފައިވާ މިރަށުގައި އެތައް ސަތޭކަ އާއިލާއެއް ދިރިއުޅެމުންދަނީ ވަރަށް ދަތި ހާލުގައެވެ. އެއް ގެއެއްގައި ގިނަ އާއިލާތަކެއް ދިރިއުޅެން ޖެހުމުގެ ސަބަބުން އިޖްތިމާޢީ އެތައް މައްސަލަތަކެއް ދަނީ ކުރިމަތިވަމުންނެވެ.
މި މައްސަލަ ހައްލުކުރަން ސަރުކާރުން އެ މިރަށުގައި 1000 ހައުސިން ޔުނިޓް އެޅުމަށް ވެސް މިހާރު ވަނީ ބަޔަކާ ހަވާލު ކޮށްފަ އެވެ.

