ކެންދޫގައި މޫދު ކަސްރަތު ޕްރޮގްރާމް ހިންގައިފި

އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑާއި ބ. ކެންދޫ ކައުންސިލް އަދި އަންހެނުން ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ގުޅިގެން އެރަށު ރައްޔިތުންނަށް ޚާއްޞަކޮށްގެން “މޫދު ކަސްރަތު” ޕްރޮގްރާމް ހިންގައިފިއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި 21 ދުވަހުގެ މުއްދަތަށް ހިންގި މި ޕްރޮގްރާމުގައި އެ ރަށުގެ 44 މީހުން ވަނީ މި ޕްރޮގްރާމް ފުރިހަމަކޮށްފަ އެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ތަމްރީނު ދިނުމަށް 10 ބައިވެރިން ތަމްރީން ކޮށްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ ޓްރެއިނިންގ އެންޑް އޮޕަރޭޝަން އޮފިސަރ، ފަސްޓް ލެފްޓިނެންޓް އާދަމް އަޝްފާޤެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި މި ޕްރޮގްރާމަކީ، ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮކަމާއި، ދުޅަހެޔޮ ޞިއްޙަތާއި، ރައްޔިތުން ބާރުވެރިކުރުމާއި އިޖުތިމާޢީ ފޭރާން ވަރުގަދަކުރުމުގެ އިތުރުން އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމްކުރާ، އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައެއްވަންތަ މުޖުތަމަޢުއެއް ބިނާކުރުމުގެ މަޤްޞަދުގައި އެ ރަށު ކައުންސިލާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ރަންވަނަތައް ހާސިލުކުރި ފަރާތްތަކަށް ވަނީ ސެޓްފިކެޓާއި އެވޯޑް ހަވާލުކޮށްފައެވެ.

މި ޕްރޮގްރާމްގައި ރައްޔިތުންނަށް ބޭނުންވާ ދުޅަހެޔޮ ޞިއްޙަތާއި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި، ކަސްރަތުން ލިއްބައިދޭ ފައިދާތަކާއި ކަސްރަތު ކުރަންވީ ރަނގަޅު ގޮތްތަކާއި ރަނގަޅު ޞިއްޙަތެއްގައި ހުރުމަށް ރަނގަޅު ކާނާ ކެއުމުގެ މުހިންމުކަމާ ބެހޭގޮތުން ޕްރޮގްރާމުގެ ބައިވެރިންނަށް ވަނީ މައުލޫމާތުދީފައެވެ. އަދި މީގެ އިތުރުން މި ޕްރޮގްރާމުގައި ބައިވެރިންނަށް އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުމާއި ލީޑަރޝިޕާއި ތަރުތީބުން ކަންކަން ކުރުމުގެ މުހިންމުކަމާއި އަދަބު އަޙްލާޤާއި ރިވެތި އާދަކާދަތަކާއި ގަޑިއަށް ފަރުވާތެރިކަން ބެހެއްޓުމާއި އަދި އެކުވެރިކަމާ އެކު ގުޅިގެން މަސައްކަތްކުރާ އެއްބައިވަންތަ ބައެއްގެ ގޮތުގައި މަސައްކަތްކުރާނެ ގޮތާއި އާދަތައް ކިޔަދީފައި ވެއެވެ.

މި ޕްރޮގްރާމްގައި ކުލާސްތައް ނަގައިދިނީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުގެ އިންސްޓްރަކްޓަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.