
ރައީސުލް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބ. ކަމަދޫއަށް ކުރެއްވި ދަތުރުފުޅުގައި އެރަށުގައި އޭޓީއެމްގެ ޚިދުމަތް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސްގެ އަރިހުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޗެއަރޕަސަން އަޙްމަދު ޢަލީ ހަބީބާއި މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކަމަދޫގައި ޤާއިމުކުރެވުނު އޭޓީއެމް މެދުވެރިކޮށް 24 ގަޑިއިރު ފައިސާ ނެގުމާއި، ޖަމާކުރުމާއި، ފޮނުވުމުގެ އިތުރުން ކްރެޑިޓް ކާޑަށް އަދި ލޯނަށް ފައިސާ ދެއްކުމުގެ ޚިދުމަތް ލިބޭނެއެވެ.
އަމިއްލަ ރަށުގައި ތިބެގެން އޭޓީއެމްގެ ޚިދުމަތް ލިބުމަކީ ރައީސް މުޢިއްޒުގެ ވައުދުފުޅެއް ކަމަށްވާއިރު، ބީއެމްއެލްއިން މިހާރު އަންނަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމްގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިއަހަރު ތެރޭގައި އެކަނި 37 އޭޓީއެމް ވަނީ ހުޅުވާފައެވެ. އަދި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި މި ޚިދުމަތް ފެށުމަކީ ބީއެމްއެލްގެ އަމާޒެކެވެ.

ބ. އަތޮޅުގައި ލޯކަލް ޓޫރިޒަމް އެންމެ ފުޅާކޮށް ކުރަމުން އަންނަ އެއް ރަށް ކަމަށްވާ ކަމަދޫގައި މިވަގުތު 13 ގެސްޓްހައުސް ހިންގަމުން ގެންދެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ބ. އަތޮޅުގެ މީހުން ދިރިއުޅޭ 13 ރަށަށް ވަޑައިގަންނަވާނެ ކަމަށްވާއިރު، މިއަދު ވަޑައިގަންނަވަނީ ކަމަދޫގެ އިތުރުން ކެންދޫ އަދި އޭދަފުއްޓަށެވެ. މިރޭގެ ޖަލްސާ އޮންނާނީ އޭދަފުށީގަ އެވެ.
ބ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރަތަމަ ވަޑައިގަތީ ކަމަދުއަށެވެ. އެ އަށް ފަހު ކުޑަރިކިއްޔާއި ކެންދޫގެ އިތުރުން އޭދަފުއްޓަށް މިއަދު ވަޑައިގަންނަވާނެ އެވެ. މިރޭގެ ޖަލްސާ އޮންނާނީ އޭދަފުށީގަ އެވެ.