ކައުންސިލްތަކުން ކުރާ ބޭކާރު ތަޖުރިބާގެ ދަތުރުތަކަށް ރައީސްގެ ނުރުހުން!

ކައުންސިލްތަކަށް ސަރުކާރުން ދޫކުރާ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކޮށްގެން “ތަޖުރިބާގެ ދަތުރުތައް” ކުރަމުންދާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ބ. އަތޮޅަށް ކުރައްވަމުންދާ ދަތުރުފުޅެއްގައި ކެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ބައެއް ކައުންސިލްތަކުން ޒިންމާދާރުކަން ކުޑަ ގޮތެއްގައި ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ލިބޭ ފައިސާ ބޭނުންކުރަމުންދާ ކަމަށެވެ. މިގޮތުން ބައެއް ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ ހުރިހާ މެންބަރުން އެއްފަހަރާ ތަޖުރިބާ ހޯދުމުގެ ނަމުގައި ރާއްޖެއިން ބޭރަށް ދަތުރުކުރާ މައްސަލަ ފާހަގަކުރެއްވި އެވެ.

“މުޅި ކައުންސިލް އޮތްގޮތަށް ރަށު ކައުންސިލް އެކަންޏެއް ނޫން، އަތޮޅު ކައުންސިލް އޮތްގޮތަށް ތަޖުރިބާގެ ދަތުރޭ ކިޔާފައި އެއްވެސް ރަށެއްގެ ރައްޔިތަކަށް ނޫނީ އަތޮޅެއްގެ ރައްޔިތަކަށް ފައިދާ ނުވާނެ، ފައިދާ ނުހޯދޭނެ ތަންތަނަށް ގައުމުތަކަށް އެބަދޭ ބްލޮކް ގްރާންޓާއި އާމްދަނީގެ ގޮތުގައި ހޯދާ ފައިސާ ބޭނުންކޮށްގެން،” ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓް ދީ، ރަށުގައި އާމްދަނީ ހޯދޭނެ މަގު ފަހިކޮށްދީފައި ވަނީ ރަށްރަށުގެ މުނިސިޕަލް ކަންކަމާއި ރައްޔިތުންނަށް ބޭނުންވާ ކަންކަމަށް އިންވެސްޓް ކުރުމަށެވެ. އަދި ކައުންސިލްތަކުގެ ދައުރު ހަމަވާން މިހާ ކައިރިވެފައި ވަނިކޮށް ތަޖުރިބާ ހޯދަން ދިއުމުގެ ބޭނުން ސުވާލު އުފެދޭ ކަމަށް ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމަކީ ވަރަށް ސީރިއަސް އަދި ރައްޔިތުންނަށް މުހިންމު ނިޒާމެއް ކަމަށް ފާހަގަކުރައްވަމުން، މި ނިޒާމުގެ ދަށުން މަސައްކަތް ކުރަންވާނީ އިޚްލާޞްތެރިކަމާއި ޒިންމާދާރުކަމާއެކު ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. އަދި ކޮންމެ ޕާޓީއަކުން ކައުންސިލަށް އިންތިޚާބުވި ނަމަވެސް، އެ އޮންނަ ސަރުކާރަކާއެކު މަސައްކަތްކޮށް، ކައުންސިލްތަކަށް ލިބޭ ފައިސާ ޒިންމާދާރުކަމާއެކު ބޭނުންކުރުމަށް އިލްތިމާސް ކުރެއްވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.