އެމްޓީސީސީން ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކަން ފަށައިފި

ބ. ތުޅާދޫ އެއާޕޯޓް އެޅުމަށް ކުރިން ހަވާލުކުރެވުނު ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރުމާ ގުޅިގެން، އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށް، މިއަދު ބިން ހިއްކުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.

ތުޅާދޫ އެއާޕޯޓުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ބ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށަށް ވަޑައިގެން މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، ކޮންސްޓަރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއުގެ އަގަކީ 570,260,350.80 ރުފިޔާ ކަމަށްވާއިރު، މަސައްކަތް ނިންމުމަށް ދެވިފައިވަނީ 660 ދުވަހެވެ.

ކުރީގެ ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ ޖުލައި މަހު، ކެޕިޓަލް މެރިން އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް، އެ ކުންފުނިން އެއްވެސް މަސައްކަތެއް ނުކުރުމާ ގުޅިގެން، އެއްބަސްވުން އުވާލައި، އިއްޔެ ވަނީ އެމްޓީސީސީއާ މަސައްކަތް ހަވާލުކޮށްފައެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީގެ މައުލޫމާތު ދެއްވާގޮތުން، މި އެއާޕޯޓުގައި 1,800 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ކޯޑް 3C ގެ ރަންވޭއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. މި މަޝްރޫއުގެ ދަށުން 55.4 ހެކްޓަރުގެ ބިން ހިއްކައި، 2,804 މީޓަރުގެ ރޮކް ރިވެޓްމެންޓް އަދި 1,677 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރެވޭނެއެވެ.

ސަރުކާރުން މި އެއާޕޯޓް ތަރައްގީކުރަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން 30 މިނިޓުގެ ތެރޭގައި ފޯރާފަދަ ގައުމީ ޑޮމެސްޓިކް އެއާޕޯޓް ވިއުގައެއް ގާއިމްކުރުމުގެ މަގްސަދުގައެވެ. މިއީ ރައީސް މުއިއްޒުގެ އިންތިހާބީ ވައުދެއްގެ ގޮތުގައިވެސް ހިމެނޭ މަޝްރޫއެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.