ކިހާދޫ ރައްޔިތުން އެދޭ ތަރައްޤީ ކިހާދޫއަށް ގެނެސްދޭނަން: ރައީސް

ކިހާދޫގެ ރައްޔިތުން އެދޭ ތަރައްޤީ އެރަށަށް ގެނެސްދެއްވާނެކަމަށާއި، މިއަހަރު ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިއަދު ކިހާދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައި ވިދާޅުވި ގޮތުގައި އެރަށު ސްކޫލަށް ވަސީލަތް ހަމަކުރުމުގެ މަޝްރޫޢަކީ ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވެފައިވާ އަދި ރިޔާސީ އިންތިޚާބުގައި ވަޢުދުވެފައިވާ އެއް މަޝްރޫޢެވެ.

 “ކިހާދޫއަކީ ތަޢުލީމަށް ލޯބިކުރާ ރައްޔިތެއް އުޅޭ ރަށެއް، ސްކޫލަށް ޚިދުމަތްކުރުމުގައިވެސް ލާމަސީލު ބައެއް ދިރިއުޅޭ ރަށެއް،” ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މި މަޝްރޫޢުގެ ދަށުން މަލްޓިޕާޕަސް ހޯލާއި، ސައިންސް ލެބާއި ސްޓާފް ރޫމް ހިމެނޭގޮތަށް ތަރައްޤީކުރެވޭނެ ކަމަށެވެ.

ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް ބަލާއިރު، އުތުރު ފަރާތު ހިމާޔަތްކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައި، އާ މަޝްރޫޢުއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އާ އިންޖީނުގެއާއި އޮފީސް ބަދަލުކުރުމުގެ މަޝްރޫޢު މިއަހަރު ފެށޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

ސިއްޙީ ދާއިރާއަށް އަންނަ ތަރައްޤީގެ ތެރޭގައި، ސިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް، އެމްބިއުލާންސް އަދި އިތުރު ވަސީލަތްތައް ހޯދައިދެވޭނެއެވެ. މިގޮތުން މިއަހަރު އެމްބިއުލާންސް ހޯދައި، އަންނަ އަހަރުގެ ކުރީކޮޅު ސިއްޙީ މަރުކަޒަށް އައު ޢިމާރާތާއި ވަސީލަތްތައް ހަމަކޮށްދެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއިން ކުރިއަށް ގެންދެވޭނެ މަޝްރޫޢުތަކުގެ ތެރޭގައި ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމާއި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު އަދި އައުޓްޑޯ ޖިމާއި ކުޑަކުދިންގެ ޕާކް ހިމެނެއެވެ.

 “އަދިވެސް ތަރައްޤީއަށް ބޭނުންވާ ގިނަގުނަ ކަންކަން އެބަހުރި. އިރާދަކުރެއްވިއްޔާ ރައްޔިތުން އެދޭގޮތަށް މަސައްކަތް ބައްޓަންކޮށް، ރައްޔިތުން އެދޭ ތަރައްޤީ ގެނެސްދޭނެކަމުގެ ޔަޤީންކަން އަރުވަން،” ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.