
ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓޫޑެންޓް ކާޑަށް އެދި ހުށަހަޅައިގެން 100 ނަސީބުވެރިންނަށް 1,000 ރުފިޔާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ބީއެމްއެލްއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ 14 އޮގަސްޓް އިން 30 ސެޕްޓެމްބަރުގެ ނިޔަލަށް ކަމަށާއި ޕްރޮމޯޝަންގެ މުއްދަތުގައި ސްޓޫޑެންޓް ކާޑަށް އެދޭ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެ ކަމަށެވެ.
ފައިސާ ހަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ މި ކާޑު ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ އެވެ.
ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ހަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ އެވެ. މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެ އެވެ.
ބީއެމްއެލް ސްޓޫޑެންޓް ކާޑު. –ފޮޓޯ: ބީއެމްއެލް
ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާއިރު، މި ކާޑުން ރާއްޖެއާއި ރާއްޖޭން ބޭރުގައި މުއާމަލާތްކުރެވޭނެ އެވެ. ދަރިވަރުން މި ކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މިގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ހަރަދުގެ 0.5 ޕަސެންޓު ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭނެ އެވެ.
ދަރިވަރުންގެ މެދުގައި މަގުބޫލް ބީއެމްއެލް ސްޓޫޑެންޓް ޑެބިޓް ކާޑުން ޕީއޯއެސް މެޝިންތަކުން ފައިސާ ދެއްކުމުން އެކި ފިހާރަތަކާއި، ރެސްޓޯރަންޓް އަދި ބުކްޝޮޕްތަކުން ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކުމުން 10 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޮބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެ އެވެ.